އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގެ މަގާމުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުވުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނޭ މެމްބަރުންނަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުން އަސްލަމް އިސްތިއުފާ ދެއްވީ މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފުރަތަމަ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕްގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ. އަސްލަމް އިންތިހާބުވީ އެ މުއްދަތު ހަމަވާތީ ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

މަޖިލިހުގެ ރައީސް ކަމުގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އަސްލަމް އިންތިހާބުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި މަޖިލިހުގެ ޖަލްސާގަ އެވެ. އެއީ މަޖިލިހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނު ވަކި ކުރަން 49 މެމްބަރުންނާ އެކުގައި މަޖިލިހަށް އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހަޅާފައި ވަނިކޮށެވެ.

އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ހަތަރު މަޖިލިހެއް ތަމްސީލް ކުރެއްވި މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އަސްލަމް މެދުކެނޑުމެއް ނެތި ތަމްސީލް ކުރެއްވީ 16 ވަނަ މަޖިލިހާއި 17 ވަނަ މަޖިލިހާއި 18 ވަނަ މަޖިލިހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލިހެވެ.

އަސްލަމް ވަނީ މަޖިލިހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ އާއި ގަވައިދު ކޮމިޓީ އާއި އިގްތިސާދު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އަސްލަމް މަސައްކަތް ކުރައްވައިފައެވެ. އަދި މިހާރު ހިނގަމުންދާ މަޖިލިހުގައި އަސްލަމަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ.