އަމިއްލަ ގައުމު ނޫން އެހެން ގައުމަކަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކީ ދުބާއީ ކަމަށް ރިޕޯޓަކުން ދައްކައިފި އެވެ.

ޖުމްލަ 164 ގައުމަކުން 12 މަސް ދުވަސް ވަންދެން ގޫގުލްގައި "ހިޖުރަ ކުރާނެ ތަންތަން" ހޯދާފައިވާ އަދަދަށް ބަލައިގެން އެކުލަވާލާފައިވާ އެ ރިޕޯޓުން ކުރި ހޯދާފައިވަނީ ދުބާއީ އެވެ.

މީގެ އަހަރުތަކެއް ކުރިން ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ދުބާއީއަކީ މިއަދު އުމްރާނީ ތަރައްގީގެ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ.

ބިދޭސީން ދުބާއީއަށް ހިޖުރަކުރަން ބޭނުންވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ވިސާގެ ކަންކަން ލުއި ފަސޭހަވުމާއި އެ ސިޓީއިން ލިބޭ އިންސާނީ ހިދުމަތްތައް ރަނގަޅުވުން ހިމެނެ އެވެ.

ދުބާއީގައި މިހާރުވެސް ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ބޮޑު ނިސްބަތަކީ އެމެރިކާއާއި އިނގިރޭސި ވިލާތްފަދަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ މީހުންނެވެ.

ދިރިއުޅުން ބަދަލުކުރުމުގެ އިތުރުން ދުބާއީއަކީ ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ. ޗުއްޓީ ހޭދަކުރުމާއި ވިޔަފާރީގެ ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ދުބާއީއަށް ގޮސް އުޅެ އެވެ.