ތުރުކީއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ގައުމުގެ ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެގައުމުގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމަތް ނުރީ އާސޯއި ފާޅުކުރައްވައިފި އެވެ.

ތުރުކީގެ މިނިސްޓަރު މިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.

ތުރުކީގެ މިނިސްޓަރު ރާއްޖެ ވަޑައިގަތީ ޑރ.މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށެވެ.

ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިނުން މިހާރު ވެސް ދުވާލަކު ދެ ދަތުރު ރާއްޖެއަށް ކުރެ އެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި މިބައްދަލުކުރެއްވުމުގައި، ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރު މެހްމަތް ނުރީ އާސޯއިއަށް ޝުކުރުއަދާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މިނިސްޓަރު މެހްމަތް ނުރީ އާސޯއި ވަނީ ރައީސަށް ތަހުނިޔާ ވިދާޅުވެލައްވާފަ އެވެ. އަދި ތުރުކީއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ފްލައިޓްތަކުގެ އަދަދު އިތުރުކުރުމާއިއެކު، ދެ ޤައުމުގެ މެދުގައި ޓޫރިޒަމާއި ތަޢުލީމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން މިނިސްޓަރު މެހްމަތް ނުރީ އާސޯއި ފާޅުކުރައްވާފައިވެ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތުރުކީގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒަށް އެ މަނިކުފާނު ދައުވަތު އެރުވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ގައުމުގެ ސަގާފަތާއި އާދަކާދައިގައި ހުރި އެއްގޮތްކަން ފާހަގަކުރައްވާ، ރާއްޖެއާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސް ފާހަގަކުރެއްވި އެވެ.