ފާއިތުވި ގިނަ އަހަރުތަކެއް ވަންދެން މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް" ހުށައަޅައިދެމުން އައީ ބޮލީވުޑްގެ ތަރި ސަލްމާން ޚާން އެވެ. އެހެން ނަމަވެސް މިއަހަރަށްފަހު އެ ޝޯއިން ވަކިވެދާނެ ކަމުގެ އިޝާރާތެއް ސަލްމާން މިވަނީ ދީފަ އެވެ.

މިހާރު ކުރިއަށްދާ ބިގްބޮސް އޯޓީޓީގެ ތެރެއިން ބައިވެރިޔަކު ސަލްމާންއާ ބެހޭ ގޮތުން ޝަކުވާ ކުރުމުން އެކަމުގެ ރައްދުގައި ސަލްމާން ބުނީ މިއަދަށްފަހު އޭނާގެ ލަފާ ދޭނީ އެ އަޑު އަހަން ބޭނުންވާ ބައިވެރިންނަށް އެކަނި ކަމަށެވެ.

އެއާއެކު ސަލްމާން ވަނީ ބިގްބޮސްއަށް އޭނާގެ ފަރާތުން ދޭންވީ އެއްޗެއް ދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށާއި އަންނަ އަހަރުގެ ޝޯގައި ފެންނާނެކަން ނުވަތަ ނޫންކަން ބުނަން ނޭނގޭ ކަމަށެވެ.

ސަލްމާންގެ މި އިޝާރާތާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅު ކުރަމުންނެވެ. އެގޮތުން ސަލްމާން އެ ޝޯ ހުށައަޅައިދޭ ގޮތަށް އެހެން މީހަކަށް އެކަން ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ބިގްބޮސްއަކީ މައްސަލަ ބޮޑު ޝޯއެއްގެ ގޮތުގައި ފާހަގަވެފައިވާއިރު އެ ޝޯގެ ކަންކަން ސަލްމާން ކުރިއަށް ގެންދާ ގޮތަށް ގިނަ ބަޔަކު ތައުރީފު ވެސް ކުރެ އެވެ.