ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު "އެނިމަލް"ގެ ޓްރެއިލާ ބްރިޖް ޙަލީފާގައި އަޅުވައިފި އެވެ.
އަންނަ މަހު ރިލީޒްކުރާ މިފިލްމަކީ ދަރިއެއްގެ ހިތުގައި ބައްޕައަށް އޮތް ލޯބި އަދި ބަދަލުގައި ދަރިފުޅަށް ބައްޕަގެ ފަރާތުން ބޭނުންވާ ލޯބި އެންމެ ރަނގަޅަށް ނުލިބުމުން ހިނގާ ބޮޑެތި ކަންތައްގަނޑެއް ދައްކާނެ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި އެކްޝަންގެ ވަރުގަދަ މަންޒަރުތަކެއް ހިމެނޭނެ ކަން ޓްރައިލާއިންވެސް ވަނީ އެނގިފަ އެވެ.
60 ސިކުންތުގެ އެ ޓްރެއިލާ ދުނިޔޭގެ އެންމެ އުސްއިމާރާތުގައި ދައްކަމުން ދިޔައިރު ޓީމުން ވަނީ ފޭނުންނާއެކު ވަގުތުހޭދަކޮށްފަ އެވެ. މި ޓްރެއިލާ ބެލުމަށް ރަންބީރުގެ ގިނަ ފޭނުންނެއް ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.
ސަންދީޕު ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ރަންބީރުގެ އިތުރުން އަނިލް ކަޕޫރާއި ރަޝްމިކާ މަންދަނާ ފެނިގެންދާނެ އެވެ. މީގެ އިތުރުން ، ބޮބީ ޑިއޯލް އާއި ތުރިޕްތީ ދިމްރީ ވެސް ފިލްމުގައި ފެނިގެންދާނެ އެވެ.
ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ ޑިސެމްބަރު މަހު އެކެއްގަ އެވެ.