ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކުރީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމަށް މިނިސްޓަރުން ފެންވަރުގެ މަގާމެއް ދެއްވައިފި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރުންގެ ފެންވަރުގައި އައްޔަން ކުރައްވައި ފަތްކޮޅު އެރުވީ މުންދު އާއި އިގްބާލަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމަށް އިގްބާލް އައްޔަން ކުރެއްވި އިރު، މުންދު އައްޔަން ކުރައްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.
މުންދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމާއި ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަން ވެސް ކުރައްވައިފަ އެވެ. ހއ. ވަށަފަރަށް އުފަން އިގްބާލަކީ ރައީސް މުއިއްޒާއި ދެބެންގެ ދެދަރި ބޭފުޅެކެވެ. މި ދެ ބޭފުޅުން ވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު އިންތިހާބު ކުރެއްވުމަށް ބުރަ މަސައްކަތެއް ކުރެއްވި އެވެ.
އެކަމަކު، އިގްބާލް މުއިއްޒަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގަތި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިންނެވެ.
ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ އަރުވައިފަ އެވެ.