ދިރާސީ އަހަރުގެ ފެށުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައް ފަށްޓަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިފަދައިން ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ނިންމުން ނިންމާނީ ބަލަން ޖެހޭ ކަންކަން ބަލައި ދިރާސާކޮށް، ބަޖެޓު ކަނޑައަޅައި މަންހަޖާއި ޓައިމްލައިން އާއި ދެން ވެސް ހުރި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ސްކޫލުތަކުގެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ.

ގިނަ ބައެއްގެ އެދުމާއި އެއްގޮތަށް، ދިރާސީ އަހަރު ކުރިއެކޭ އެއްގޮތަށް އަހަރުގެ ކުރީކޮޅަށް ބަދަލުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒުގެ ކެމްޕެއިން ތެރޭގައިވެސް ވިދާޅުވެފައިވެ އެވެ.