އައިލެންޑް އޭވިއޭޝަންގެ ވަޒީފާ އިން ވަކި ކުރި މައްސަލާގައި މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ދެ މިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ދީފި އެވެ.

ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންގެ މަގާމުން އަމީން ވަކިކުރީ 2019 ވަނަ އަހަރު އެވެ. އެ މަގާމުން ވަކި ކުރުމަށްފަހު އަމީނަށް އެންގީ އެއަށް ވުރެ ދަށް މަގާމަކަށް ވަޒީފާއަކަށް ނުކުތުމަށެވެ. ނަމަވެސް، އެގޮތަށް އަމަލުކުރީ އޭނާއާ އެކު ހަދާފައި އޮތް ވަޒީފާގެ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އަމީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.

އެ މައްސަލާގައި މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ކަނޑައެޅީ އަމީން ވަޒީފާ އިން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން 15 ދުވަހުގެ ތެރޭގައި އެ މަގާމު އިޔާދަކޮށްދީ ނޫން ނަމަ، އެ ފެންވަރުގެ އެހެން މަގާމެއް ދިނުމަށް ކޯޓުން އެންގި އެވެ.

މީގެ އިތުރުން ބަދަލުގެ ގޮތުގައި ވަޒީފާ އިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ހަމަޖައްސައިދޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި އެލެވެންސް ދިނުމަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އަމީން އަށް ވަޒީފާ ދިނުމުގެ ބަދަލުގައި އައިލެންޑް އޭވިއޭޝަނުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައި ކޯޓުގައި އެ މައްސަލަ ކުރިއަށް ދަނިކޮށް، އައިލެންޑް އޭވިއޭޝަން އާއި އަމީން ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އިސްތިއުނާފު މައްސަލަ ބާތިލްކޮށްދޭން އެދިފަ އެވެ. މައްސަލަ ހުށަހެޅި ފަރާތުން އެދިއްޖެ ނަމަ، އެ މައްސަލައެއް ހައި ކޯޓުން ވަގުތުން ބާތިލްކޮށްދެ އެވެ.

ހައި ކޯޓުން މައްސަލަ ބާތިލް ކުރި ކަމުގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އަމީންގެ ވަޒީފާ އިޔާދަކޮށް ބަދަލުގެ ގޮތުގައި 2،202،508ރ. ދޭން ކޯޓުން ބޭރުގައި އައިލެންޑް އޭވިއޭޝަނުން ވަނީ އެއްބަސްވެފަ އެވެ.