ހުޅުމާލެ ހިމެނޭހެން މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ޚިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ އެ ނިންމެވުމާ ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ ކަންކަން އެ އޮފީހުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބަދަލުތައް އެކީ ފުރިހަމަވުމުން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދެމުން ގެންދާނީ މާލެ ސިޓީ ކައުންސިލުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނު މިކަން މިގޮތައް ނިންމަވައިފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.