ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒާއި އިންޓެލިޖެންސްގެ އިސްވެރިޔާ ފަރީދު އިސްމާއިލް މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފި އެވެ.
ރިޔާޒު ހުންނެވީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒު ބަދަލުގައި އެ މަގާމަށް ވަގުތީ ގޮތުން މިހާރު ހަމަޖައްސަވާފައި ވަނީ ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ނާފިޒް އެވެ.
މީގެ އިތުރުން އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި ހުންނެވި ފަރީދު އިސްމާއީލް އެ މަގާމުން ދުރުކޮށް އެ މަގާމަށް ހަމަޖައްސައިފައި ވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމެވެ.
އަދި ސެކިއުރިޓީ އިންޓެލިޖެންސްގެ ވެރިޔަކަށް ވެސް އިންސްޕެކްޓަރު އަތީގުއްރަހުމާން ވަނީ ހަމަޖައްސައިފަ އެވެ.
އާ ސަރުކާރުން މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ. ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދަށް މަގާމުން އިސްތިއުފާ ދިނުމަށް ވަނީ އަންގައިފަ އެވެ.