އެއްވެސް ގާނޫނަކުން ބާރު ލިބިގެން ނޫން ގޮތަކަށް އުސޫލެއް އެކުލަވާލައިގެން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާއާއި މުދާ ދެމުން ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ އުވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.

ރައީސް މުއިއްޒުގެ އެ ނިންމެވުމާ ގުޅިގެން ބަންޑާރަ ނައިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ގާނޫނަކުން ބާރު ލިބިގެން ނޫން ގޮތަކަށް އުސޫލެއް އެކުލަވާލައިގެން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާ އާއި މުދާ ދެމުން ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ.

"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ގާނޫނީ އޮނިގަނޑެއް އަދި ގާނޫނީ ބާރެއް ނެތި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެކުލަވާލާފައިވާ އުސޫލު އުވާލާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި ލަފައަކާ ގުޅިގެންނެވެ.

"އެކަން އެގޮތަށް ކުރިއަށް ނުގެންދެވުމަށް އަޅުގަނޑު ވާނީ ރައީސަށް ގާނޫނީ ލަފާ އަރުވާފައި،" އުޝާމް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލި އިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމައިފަ އެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބު ދެއްވި ލަފާގައި ވަނީ އެ އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި ހިލާފަށް ކަމަށެވެ.

އަދި، ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި އެ އުސޫލުގެ ދަށުން ހައްލުކޮށްފައިވާ ފަސް މައްސަލައެއް ފާހަގަކުރައްވައި، އެ މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުއީ މަރުހަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިއާޔަތްކުރެއްވުމަކާ ނުލައި، އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާވެސް ހިލާފަށްކަމަށް އެ ލަފާގައިވެ އެވެ.