މަޖިލީހަށް ނަން ހުށަހެޅި ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ރަށްވެހިކަން މީގެ ކުރިން އޮތް ބޭފުޅުންނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު. ނަމަވެސް ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް މާރިޔާ ވަނީ ނިއުޒީލެންޑުގެ ރަށްވެހިކަން ދޫކޮށްލާފައި. ހައިދަރު ޕާސްޕޯޓް ދޫކޮށްލި ކަމެއް ކަށަވަރެއް ނުވޭ.

ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ އެއްވެސް ވަޒީރަކު އެހެން އެއްވެސް ގައުމެއްގެ ޕާސްޕޯޓް އޮތްތޯ ކަށަވަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ

ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަންކުރާ ބޭފުޅުންގެ ނަންތައް ހަތް ދުވަހުގެ ތެރޭގައި މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭއިރު، ރައީސް މުއިއްޒު ވަނީ އެ ނަންތައް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފޮނުއްވާފަ އެވެ.

މިއަދު އޮތް ސަރުކާރުގެ މަސްއޫލިއްޔަތު ބަލައި ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، ރައީސް މުއިއްޒު ފޮނުއްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މަޝްވަރާ ފަށާފަ އެވެ.

މިއަދު ސަރުކާރުގެ މަސްއޫލިއްޔަތު ބަލއި ކޮމިޓީގެ ބައްދަލުވުމުގައި އެކޮމެޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ވަރަށް ގިނަ ދުވަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައިވާ ދެތިން ބޭފުޅުން މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮވެދާނެ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގައި އެ ފަރާތްތައް އިންޓަވިއުކޮށް މައުލޫމާތު ނުހޯދޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމުން، ކޮމިޓީން މިއަދު ނިންމީ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް އޮފީހަށް ހުށަހަޅައިގެން މިނިސްޓަރުންގެ ރަށްވެހިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.

ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ)ގައި ވަނީ ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ.

މަޖިލީހަށް ނަން ހުށަހެޅި ވަޒީރުންގެ ތެރެއިން ބޭރު ގައުމެއްގެ ރަށްވެހިކަން މީގެ ކުރިން އޮތް ބޭފުޅުންނަކީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމަށް މާރިޔާ ވަނީ ނިއުޒީލެންޑުގެ ރަށްވެހިކަން ދޫކޮށްލާފަ އެވެ. ނަމަވެސް ހައިދަރު އިނގިރޭސި ޕާސްޕޯޓް ދޫކޮށްލިކަން ކަށަވަރެއް ނޫނެވެ.