ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއީދުކޮށް އެއްބާރުލުން ދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އަދި ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެމުންގެންދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސަރު ޑޮކްޓަރު ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ އެމަނިކުފާނު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކީ ތުރުކީވިލާތަށްވުމީ ލިބިވަޑައިގެންނެވި ހާއްސަ ޝަރަފެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއްކަމުގައި ވިދާޅުވެފަ އެވެ. މިގޮތުން އެކިއެކި މަޢުޟޫއުތަކުން މަޝްވަރާކުރައްވައި ތުރުކީގެ ރައީސްއާއި އަދި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ގައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަޙައްދެއްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރެއްވުން ކަމުގައި ވިދާޅުވެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވަޢުދުފުޅުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.