ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުސް އޮފީހަށް ކުރަނީ ކުރިން ސުވާލުކޮށްފައިވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަނީ މާދަމާ 13:00 އަށެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެމަނިކުފާނު ފުލުހަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ އާ މައްސަލައެއްގެ ތުހުމަތުގައި ނޫން ކަމަށެވެ.

މިހާތަނަށް ދެ މައްސަލައެއްގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައި އެއް މައްސަލައެއްގައި ހުކުމް އިއްވާފައިވެ އެވެ.

މިފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން އުޅެނީ ތަހުގީގު ކުރާ ތިން ވަނަ މައްސަލައާ ގުޅިގެންނެވެ.

ޑރ. ޖަމީލް ވިދާޅުވީ ކިތަންމެ މައްސަލައެއް ތަހުގީގުކޮށް ކިތަންމެ ދައުވާއެއް އުފުލިޔަސް ރައީސް ޔާމީންގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އެއްވެސް އަސާސެއް ނެތް މައްސަލައަކާ ގުޅިގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާތައް ކުރަނީ ވަކި ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.