ކިނބިއްސަކީ ގިނަ ފަހަރަށް ނޭފަތުގައި ހުންނަން ނުޖެހޭ އެއްޗެއް ހުރުމުގެ ސަބަބުން އެޅޭ އެއްޗެކެވެ.

އޭގެ ތެރޭގައި އެކި ޒާތްޒާތުގެ ހިރަފުހާއި، ބެކްޓީރިއާ، ދުން ނުވަތަ ކުދި ދިރޭ އެއްޗެތިވެސް ހިމެނެ އެވެ. ނޭފަތަށް ނޭފަތަށް ކިނބިހި އަންނަ ކަމުގެ އިހުސާސް ވުމާއި އެކު ހިނދުކޮޅެއްގެ ތެރޭގައި ކިނބިހި އެޅި މީހާގެ ހަށިގަނޑަށް އަދި ނޭފަތަށް ލުއި ލިބެ އެވެ.

މިކަމަކީ ހަށިގަނޑަށް ލިބިދާނެ ކުއްލި ނުރައްކާތަކުން ސަލާމަތް ކޮށްދޭ ކަމެކެވެ. ހަމައެހެންމެ ކިނބިހި އަންނަން އުޅުމުން ނާޅައި ހިފެހެއްޓުމަކީވެސް ނުރައްކާތެރިކަން ބޮޑު ކަމެކެވެ.

އެގޮތުން ކިނބިހި ހިފެހެއްޓުމުގެ ސަބަބުން ނޭފަތުގައި ހުންނަ "މިއުކަސް" ގަޑިއިރެއްގެ ތެރޭގައި 100 މޭލަށް ދަތުރުކުރެ އެވެ. އޭގެ އިތުރުން ކިނބިހި ހިފެހެއްޓުމުން ހަށިގަނޑަށް ދެވޭ ޕްރެޝަރުގެ ސަބަބުން ނޭވާލާ ނިޒާމަށް އެތައް ގެއްލުންތަކެއް ލިބުމަށް އެކަށީގެންވެ އެވެ. އެގޮތުން ސައިނަސް، ނާސަލް ކެވިޓީ ފަދަ ކަންކަމަށް މަގުފަހިވެދެ އެވެ.

ހަމައެހެންމެ ކިނބިހި ހިފެހެއްޓުމުން ހަށިގަނޑަށް ދެވޭ ޕްރެޝަރުގެ ސަބަބުން ކަންފަތުގެ ދޯރި ފަޅައިގެންދިއުމަކީ ވެސް އެކަށީގެންވާކަމެއް ކަމުގައި ބައެއް ހޯދުންތަކުން ބުނެފައިވެ އެވެ. އަދި ކަންފަތުގެ އެތެރޭގައި އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ހޯދުންތަކުން ހާމަވެ އެވެ.

އޭގެ އިތުރުން ކިނބިހި ހިފެހެއްޓުމުގެ ސަބަބުުން ލޮލާއި ނޭފަތް އަދި ކަންފަތުގެ ލޭނާރުތަކަށް ގެއްލުންވުން އެކަށީގެންވާ ކަމަށް ހޯދުންތަކުން އެނގިފައިވެ އެވެ. އެކަން އެފަދައިން ވަނީ ވެސް ހަށިގަނޑަށް ކުއްލި ގޮތަކަށް ދެވޭ ޕްރެޝަރެއްގެ ސަބަބުން ކަމުގައި ހޯދުންތަކުން އެނގިފައިވެ އެވެ.