ކުރެހުންތެރިއެއްގެ ޚިޔާލީ ދުނިޔެއަކީ އުފެއްދުންތެރި ޚިޔާލު ތަކަކުން މުއްސަނދި ވެފައިވާ އާދަޔާޚިލާފު ތަނެކެވެ. އެ ތަނުގައި ހިނގާ އިހްސާސްތަކާއި އޮއިވަރުތަކަކީ ކުލަ ޖައްސާ ފިއްސަކަށް ނޫނީ ބަޔާން ނުކުރެވޭނެ ވާހަކަތަކެއް ނޫނެވެ.
ސިކުނޑީގައި އުފެދޭ ތަފާތު ޚިޔާލުތައް ބައެއް ފަހަރު ތިލަވަނީ ފޫހިވާ ވަގުތުގަ އެވެ. އެ ވަގުތުގައި އުފެއްދުންތެރިކަމަށް މަގުދައްކަ އެވެ. ފ. ދަރަނބޫދުއަށް އުފަން ރުވޭދާ އިބްރާހީމް (ރުވޭ) އަކީ އަބަދުވެސް ކުރެހުމަށް ލޯބިކުރާ ޒުވާނެކެވެ. ފޫހިންވާ ކޮންމެ ފަހަރަކު ކުރިމަތިން ފެންނަން އިންނަ އެއްޗެއް ކުރަހާލުމަކީ އޭނާގެ އާދައެކެވެ.
ފ. ދަރަބޫނދޫ ސްކޫލުން ކިޔަވައި ނިމުނުއިރު ކުރެހުމުގެ މަސައްކަތަށް ދިއުމުގެ މާބޮޑު ވިސްނުމެއް ނެތެވެ. ވުމާއެކު ފުރަތަމަ ދަރަބޫނދޫ ސްކޫލްގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ހަތް އަހަރު މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ކުލާސްތަކުގައި ކުދިންނަށް ކުރެހުމާއި ކުލަޖެއްސުން ދަސްކޮށްދިނުމަކީ މުހިންމުކަމެއް ކަމުގައި އޭރު ވެސް ވިސްނުނެވެ. ރަށުގައި ހަތް އަހަރު ކިޔަވައިދިނުމުގައި އުޅުމަށްފަހު ޒަވާޖީ ހަޔާތެއް ފަށައި، ފިރިމީހާގެ ރަށަށް ކ. ތުލުސްދޫއަށް ބަދަލުވި އެވެ. އެ ރަށުގައި ހޭދަކުރި ހަތަރު އަހަރު ވެސް ކުރެހުމުގެ މަސައްކަތް ކޮންމެ ވެސް ވަރަކަށް ކުރި އެވެ.
އެއަށްފަހު ކޮވިޑްގެ ތެރޭގައި ލޮކަޑައުންގައި ހުރެ ފޫހިވާތީ އެކްރީލިކް ކުލަ ބޭނުންކޮށްގެން ކުރެހުންތަކަށް އިތުރު ފުރިހަމަކަމެއް ގެންނަން މަސައްކަތް ފެށި އެވެ. ކުރެހުމުގެ މަސައްކަތް ގިނައިން ކުރެވުނެވެ. އޭރު އެކަންކުރީ އެ ދުވަސްކޮޅުގެ ހާލަތަށް ކެތްތެރިވުމަށެވެ. ކުރެހުމުގެ ދުނިޔެއަކަށް ވަދެވޭނެ ކަމަށް އޭނާ އޭރު ކުޑަކޮށް ވެސް އުންމީދު ކޮށްފައެއް ނުވެ އެވެ.
އާޓްގެ ހަގީގީ ދުނިޔެއަށް އޭނާއަށް ވަދެވުނީ ތުލުސްދޫއިން މާލެއަށް ބަދަލުވެ، ވަޒީފާއަކަށް ކުރަހަން ދަސްކޮށްދޭ ތަނަކަށް ވަދެވުނު ހިސާބުންނެވެ. އެއީ ފެސްޓިވޯ އިންސްޓިޓިއުޓް އޮފް އާޓް އެންޑް ޑިޒައިން އެވެ. މާލޭގައި ވަރަށް ކާމިޔާބު ކަމާއެކީ ކުރެހުމުގެ ހުނަރު ކުޑަކުދިންނަށް ދަސްކޮށްދޭ ތަނެކެވެ.
"ފެސްޓިވޯ އިންސްޓިޓިއުޓްގެ ވެރިޔާ އާމިރްސާ އާއެކު މަސައްކަތް ކުރިއިރު އެނގުނީ ރާއްޖޭގައި ވަރަށް ވަރުގަދަ އާޓް ކޮމިއުނިޓީއެއް އޮންނަކަން ވެސް. ހަގީގަތުގައި އާމިރްސާ އަޅުގަނޑު ކުރެހުމުގެ ތެރެއަށް ނެރެދެއްވީ. ދެން އާޓް ކޮމިއުނިޓީން ބާއްވާ ކުރެހުމުގެ ހަރަކާތްތަކުގައި ބައިވެރިވެ، އެހެން އުޅުމުގެ ތެރެއިން ގިނަ ކުރެހުންތެރިންނާ ގުޅުން ބަދަހިވާން ފެށީ،" ރުވޭ ބުންޏެވެ.
އޭނާ އެންމެ ފުރަތަމަ ބައިވެރިވި މުބާރާތަކީ 2023ގައި މޯލްޑިވްސް އާޓް ކޮމިއުނިޓީއިން އިސްނަގައިގެން ކޮންމެ އަހަރަކު ވެސް ބާއްވާ އަންވެއިލިން ވިޝަންގަ އެވެ.
އަންވެއިލިން ވިޝަންގައި ބައިވެރިވެވުނު ފަހުން ރުވޭގެ ނަމަކީ ވެސް މީހުންގެ ތެރޭގައި މަގުބޫލް ނަމަކަށް ވެގެން ދިޔަ އެވެ. އޭނާގެ ހުނަރު ފާހަގަވެ، ކުރެހުމުގެ އޯޑަރުތައް ލިބެން ފެށި އެވެ. ޚާއްސަކޮށް ރާއްޖެތެރޭގެ ރަށްރަށުން ލިބޭ އޯޑަރުތައް ގިނަވި އެވެ.
"ބައެއް ރަށްރަށުން ބޭނުންވެގެން މިއުރަލް (ފާރު، ސީލިންގައި ކުރަހާފައި ހުންނަ ކުރެހުން) ފަދަ އެއްޗެހި ކުރަހަން ވެސް ދަން. އެގޮތަށް ވަރަށް ގިނަ ރަށްރަށަށާއި ރިސޯޓްތަކަށް މިހާރު ދެވިއްޖެ. ބައެއް ރިސޯޓްތަކުގައި ލައިވް ޕެއިންޓިންސް ވެސް ކުރަހާފައި ހުންނާނެ،" ބައެއް ފަހަރު ސްކޫލްތަކުގައި ބައްވާ ކުރެހުމުގެ މުބާރާތްތަކުގައި ވެސް އިންސާފުކޮށްދެއްވާ ރުވޭ ބުންޏެވެ.
އެކްރީލިކް ކުލަ، ކްލޭ، ސްކަލްޕްޗާ، މިކްސްމީޑިއާ އަދި އޮއިލް ކުލައަކީ އޭނާގެ މަސައްލަތުގައި އެންމެ ގިނައިން ބޭނުންކުރާ ތަކެއްޗެވެ. އެންމެ އާންމުކޮށް ކުރަހައި އުޅެނީ "ރިއަލިމް އާޓް" އަދި "ޕޯޓްރެއިޓް" އެވެ. އަދި ވަރަށް ފަހުން ރިސޯޓްތަކުން ބޭނުންވެގެން ރާއްޖޭގެ ރީތި މަންޒަރު ދައްކުވައިދޭ ސްވެނިޔާ އާޓް އަދި މިއުރަލް އާޓް ކުރަހައި ދޭން ފެށި އެވެ.
ސްވެނިއާ އާޓްގެ މަސައްކަތަކީ މިހާރު ވަރަށް ފުޅާދާއިރާއެއްގައި އޭނާ ކުރަމުން ގެންދާ މަސައްކަތެއް ކަން ފާހަގަ ކޮށްލެވެ އެވެ. ކެންވަސްގަ އާއި ފާރު އަދި ކަސްޓަމަރުން ބުނި ކޮންމެ އެއްޗެއްގައި މިއަދު ކުރަހާލުމަކީ ރުވޭއަށް ދާދި ފަސޭހަ ކަމެކެވެ. ކުރަހަން ފެށި ދުވަސްވަރާ ބަލާފައި މިއަދު އޭނާ ވަނީ މަސައްކަތުގައި ކުރިއެރުންތަކެއް ވެސް ހޯދާފަ އެވެ. ސްޕީޑްގެ ގޮތުންނެވެ. ކުރީގައި ދެތިން ދުވަހުން ކުރެހުމެއް ނިންމާލި ނަމަވެސް މިއަދު ކުރެހުމެއް ނިންމާލަނީ އެންމެ ދެތިން ގަޑިއިރުންނެވެ.
ކުރެހުމަކީ ކުރަހާ މީހާއަށް ވެސް އަދި ބަލާ މީހާއަށް ވެސް އެ މަސައްކަތަކުން ނުހަނު ހިތްހަމަޖެހުން ލިބިދޭ މަސައްކަތެކެވެ. ރަނގަޅު އާމްދަނީއެއް ވެސް މިއަދު ހަމައެކަނި ކުރަހައިގެން ލިބެ އެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުގެ ޕްލެޓްފޯމްތަކުގައި އާޓިސްޓުންގެ މަސައްކަތް ދައްކާލުމުގެ ފުރުސަތު މިއަދު ވަނީ ފަހިވެފައިވެ އެވެ. ވީމާ އަލަށް މި މަސައްކަތަށް ނުކުންނައިރު ދިމާވާ ގިނަ ޖޮންޖެހުންތަކުން އަރައިގަތުމަށް ރުވޭ ނަސޭހަތްތެރިވެ އެވެ.
"އަޅުގަޑު ބުނެލަން އޮތީ މި ދާއިރާއިން ކުރިއަށްދާއިރު ބައެއް ފަހަރު ދިމާވާ ގޮންޖެހުންތަކާއި ކެރިގެން ކުރިމަތިލައި ކުރިއަށް ދާށޭ. މީހަކު ތިބާ ވައްޓާލަން ނުވަތަ ދެރަކޮށްލުމުގެ މާނައިގައި ބުނާ ބަސްތަކަކީ ކޮމްޕްލިމެންޓެއް [ތައުރީފެއް]ގެ ގޮތުގައި ބަލައިގެން ކުރިއަށް ދާށޭ. މި މަސައްކަތުގައި ކުރިއަށް ދާން ބޭނުންވަންޏާއި ގިވްއަޕް [ދޫނުކުރުން] ނުކުރާށޭ. މައުރަޒުތަކުގައި ބައިވެރިވެ، ގިނައިން ކުރެހި ވަރަކަށް މީހާ ކުރިއަރާނީ. އާޓްބްލޮކް އަޔަސް ކުރިއަށްދާށޭ،" ރުވޭ ބުންޏެވެ.
މަޝްހޫރު އާޓިސްޓެއް ކަމަށްވާ ޝަމީންގެ ޝަމީން އާޓްސްގައި ކުޑަކުދިންނަށް ކުރެހުމުގެ ހުނަރު ދަސްކޮށްދިނުމަށް ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަކީ މިދާއިރާއަށް ގިނަ ކުދިންތަކެއް ނެރުމަށް އޭނާގެ ހިތުގައި އޮތް ބޮޑު ޝައުގުވެރިކަމެއްގެ ސަބަބުން ކަމުގައި ފާހަގަކުރެވެ އެވެ.
އެހެނިހެން ފަންނުތައް ފަދައިން ކުރެހުމުގެ ފަންނަކީ ވެސް އެ ކުރިއެރުވުމަށްޓަކައި ހަޔާތުގައި އަންނަ "އަޕްސް އެންޑައުންސް" ގައި ވެސް ސާބިތުވެ ކެތްތެރި ކަމާއެކު ހިފަހައްޓާލާން އެނގިއްޖެނަމަ ފުންނާބު އުސް ކުރެހުންތެރިންނާ އެއްހަމައަކަށް އެރުމަށް އުނދަގޫ ކަމަކަށް ނުވާނެކަން އޭނާ އެ ވަނީ ސާބިތުކޮށްދީފަ އެވެ.
އޭނާ މި ހިސާބަށް އައުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ސިރޫ އާޓްސް، އާމިރު ސާ އަދި ވިޝާމްގެ ނަން އޭނާ ފާހަގަކޮށްލި އެވެ. އޭގެ އިތުރުން އާޓްބްލޮކް އަންނަ ވަގުތުތަކުގައި ހިތްވަރުދޭ ގާތް ރައްޓެހިންނާއި އާއިލާ އަދި އަބަދުވެސް ހިތްވަރުދޭ ފިރިމީހާއަށް އޭނާ ވަރަށް ލޯތްބާއެކު ޝުކުރު އަދާކުރެ އެވެ.