ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައިވެސް ކުދިން ކުރިއަށްގެންދިއުމަކީ އެހާމެ މުހިންމުކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވީ މިއަދު ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން، ކުޅިވަރަކީ ހަމައެކަނި ވަނަ ހޯދުމަށް ކުރާކަމެއް ނޫންކަން ފާހަގަކުރައްވައި، އޭގެ އިތުރުން ކަސްރަތެއްގެ ގޮތުގައިވެސް ބަލައިގެން ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ފިއޮންޓި ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި ފިއެސްޓާ ކުރިއަށްގެންގޮސްފައިވަނީ 2023 ނޮވެންބަރު 30އިން 2023 ޑިސެންބަރު 2އަށެވެ. މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި އެކި ސްކޫލްތަކުން ޖުމްލަ 1000 އަށްވުރެ ގިނަ ކުދިން ބައިވެރިވި އެވެ.