މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،703،204 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު، 12.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 1.5 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތައް:

  • ރަޝިއާ – 193269 ފަތުރުވެރިން
  • އިންޑިއާ – 185987 ފަތުރުވެރިން
  • ޗައިނާ – 176803 ފަތުރުވެރިން
  • އިނގިރޭސި ވިލާތް – 139867 ފަތުރުވެރިން

ސަރުކާރުން މި އަހަރަށް ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. މިހާތަނަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި އަދަދަށް ބަލާއިރު އަމާޒަށް ވާސިލުވުމަށް ބޭނުންވަނީ އިތުރު ދެ ލައްކައެއްހާ ފަތުރުވެރިންނެވެ.