އަންނަ އަހަރުގެ ކިޔެވުން ފަށާއިރު، ކޮންމެ ދުވަހަކު ވެސް ގައުމީ ސަލާމުން ސްކޫލުތަކުގެ ސެޝަން ފަށާގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މިކަމުގެ ބޭނުމަކީ ގައުމީ ލަވަ އާއި، ގައުމީ ދިދަ އާއި، ގައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުމެވެ. އަދި ގައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައި ވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވަނީ، ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.

"ރާއްޖޭގެ ސްކޫލްތަކުގައި ސެޝަންތައް ދެން ފަށާނީ ގައުމީ ސަލާމުން. މި އަންނަ އަހަރު ޑިސެންބަރު ޗުއްޓީއަށް ސްކޫލްތައް ބަންދުވެފައި، ދެން ސްކޫލްތަކުގެ ސެޝަންތައް ފަށާނީ ގައުމީ ސަލާމުން. އަޅުގަނޑުގެ ވަރަށް ބޮޑު ވައުދެއް އެއީ ގައުމިއްޔަތު ދިރުވާ އާލާ ކުރުން." ރައީސް ވިދާޅުވި އެވެ.

އިސްލާމް ދީނާއި، ގައުމިއްޔަތާއި، ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތަށް ދަރިވަރުން އަހަންމިއްޔަތުކަންދޭ މިންވަރު އިތުރުކުރުމަށްޓަކައި ސްކޫލްތަކުގައި ގައުމީ ފެންވަރުގެ ހާއްސަ ޕްރޮގްރާމުތައް ހިންގަންފެށުން އެއީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައި ވެސް ހިމެނޭ ކަމެކެވެ.