ކައުންސިލްތަކުން އެދޭ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެ ކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ހިމެނޭގޮތަށް އޮތް ނަމަވެސް ބައެއް ރަށްރަށުގެ އިޚުތިޞާޞް ހިނގާ ސަހަރައްދުގައި ރަށެއް ނެތުން ނުވަތަ ރަށެއް އޮތްނަމަވެސް އެހެން ކަމަކަށް އެރަށެއް ދޫކޮށްފައި އޮތުން ފަދަ ދަތިތައް ހުރިކަމަށެވެ.

އެހެންކަމުން މިގޮތަށް ހުޅުވާލުމަށް ނިންމެވީ މައިގަނޑު ދެ ހަމައެއްގެ މަތިން ކަމުގައި ރައީސް ވިދާޅުވި އެވެ. އެ ދެ ހަމައަކީ ސަރުކާރުގެ ގައުމީ ތަރައްގީގެ ޕްލޭންއާ ދިމާވާ ނިންމުމަކަށްވުމާއެކު އެފަޅެއް ނުވަތަ އެރަށެއް ނިސްބަތްވާ އަތޮޅުގައި ހިމެނޭ މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށެއްގެ ރައްޔިތުންގެ ރުހުން އެކަމަށް އޮތުން ކަމުގައި ރައީސް ހާމަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ގައުމީ ތަރައްގީއަށް ބޭނުންހިފޭގޮތަށް، އަދި ރާއްޖޭގައި ހިނގާ މައިގަނޑު ސިނާއަތްތަކަށް ގެއްލުން ނުވާގޮތަށް އެފަދަ ފަޅެއް ނުވަތަ ރަށެއް ލިބުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުމަކީ އޭގެ ސަބަބުން ރައްޔިތުން ބާރުވެރިކުރެވި ކައުންސިލްތައް އިތުރަށް ކުރިއަރައިގެންދާނެ ކަމެއްކަން ފާހަގަކުރެއްވި އެވެ.

ރަށްރަށުގެ ރައްޔިތުންގެ މަންފާއަށް އެ ރަށްރަށުގެ އިޚުތިޞާޞް ތެރޭގައި ހިމެނިދާނެ ރަށްރަށް ނުވަތަ ސަރަހައްދުތައް އެ ރަށެއްގެ އިޚުތިޞާޞް ތެރޭގައި ހިމެނުމަކީ ސަރުކާރުގެ "ހަފުތާ 14" މަގުޗާޓުގައި ހިމެނޭ ކަމެކެވެ.