ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް ދޫކުރެއްވީ އަމިއްލަފުޅަށް ކަމަށް ވިދާޅުވެ، އެމަނިކުފާނު މިނިވަން ކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖަވާބެއް ނުދެއްވި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ނޫސްވެރިން ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން އަދުރޭ އާ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ހަމައެކަނި އޭނާ ވިދާޅުވީ ރައީސް ޔާމީން ޕީޕީއެމް ދޫކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ.

އަދުރޭ އެފަދައިން ވިދާޅުވުމުން ނޫސްވެރިއަކު ވަނީ ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމާއި އެ ވައުދު ފުއްދަން މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށް ސުވާލު ކޮށްފަ އެވެ.

ނަމަވެސް އެ ސުވާލަށް އަދުރޭ ޖަވާބެއް ނުދެއްވި އެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ކެމްޕޭން ތެރޭގައި ޖަލްސާތަކުގައި ވާހަކަދެއްކި އެންމެން ވެސް ވާހަކަފަށަނީ ރައީސް ޔާމީންގެ ނަމުންނެވެ. އެމަނިކުފާނަށް ތައުރީފުގެ އެތަކެއް ބަސްތަކެއް ރައްދު ކުރަމުންނެވެ. އެކަމަކު މިއަދު ރާގު މުޅިން ބަދަލުވެއްޖެ އެވެ. ޔާމީންގެ ނަމެއް ވެސް ކިޔާލަން ބޭނުމެއް ނުވެ އެވެ.