ޖިންސީ ގޯނާ މައްސަލާގައި ކުރީގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީން ވަކިކުރި އަލީ ވަހީދު އަލުން އަނބުރާ އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

އަލީ ވަހީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 7 އަހަރު ފަހުން އެނބުރި އެމްޑީޕީއަށް ސޮއި ކޮށްފައިވާ ކަމަށެވެ.

"އިރާދަފުޅުން އެމްޑީޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީންނާއި ޗެއާޕާސަން މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވިއިރުއެވެ. އޭގެފަހުން އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެޕާޓީގެ ރައީސްކަން ވެސް ކުރައްވާފައިވެ އެވެ.

އެހެންނަމަވެސް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކުރިމަތިވި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއެކު އަނެއްކާވެސް އަލީ ވަހީދު ވަނީ އިނގިރޭސިވިލާތަށް އަނބުރާ ގޮސްފަ އެވެ. އަދި އެނބުރި ރާއްޖެ އައިސްފައި ވަނީ ޖުލައި 11 ވަނަ ދުވަހު އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަލީ ވަހީދު މަސައްކަތް ކުރައްވާފައިވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައިސް އަލީ ވަހީދު މިހާރު މަސައްކަތް ކުރަމުން އަންނަނީ އެޓޯލްސް އެފްސީގެ ނަމުގައި ފުޓްބޯޅަ ކްލަބެއް އުފައްދައިގެން އެ ކްލަބު ކުރިއެރުވުމަށެވެ.

ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރަކަށް ވެސް ކުރެއްވި އެވެ.