ކަލާސްއިން ދައްކަމުން އަންނަ ބިގްބޮސްއަކީ އާއްމުންގެ މެދުގައި ވަރަށް މަގުބޫލު ޝޯއެކެވެ. އެއް ގެއެއްގައި ޝޯގެ ބައިވެރިން ދިރިއުޅެމުން އަންނައިރު ޖެހޭ މައްސަލަތަކާއި ހިނގާ އަރާރުންވުން ތަކަކީ ޝޯގެ ގިނަ ބަޔަކު ޝައުގުވެރިވާ ކަންކަމެވެ.
އެ ޝޯގެ 17 ވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު މިފަހަރުގެ ސީޒަންއަކީ ވެސް ކުރީގެ ސީޒަންތަކެކޭ އެއްފަދައިން އެކި ޖަޒުބާތުތަކުން ފުރިފައިވާ ޝޯ އެކެވެ.
އެ ޝޯގެ މެދަކާ ހިސާބަށް ދެވިފައިވާއިރު ވައިލްޑް ކާޑް ކޮންޓެސްޓެންޓުންގެ ގޮތުގައި ގެއަށް ވަންނާނެ ތަރިންގެ ނަންތައް ވެސް މިހާރު މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ ތެރޭގައި ރާކީ ސާވަންތުއާއި އާދިލް ޚާން ދުރާނީ ހިމެނެ އެވެ.
މީގެ އިތުރުން ވެސް އެ ޝޯއަށް މިހާރު މަގުބޫލުވަމުން އަންނަ ކޮރެއާގެ މިއުޒިކް (ކޭޕޮޕް) ތަރިއެއް ވެސް ތައާރަފް ކުރަން ޕްރޮޑިއުސަރުން ވިސްނަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން މީޑިއާއަށް ތިލަވެފައިވާ ނަމަކީ ކޭޕޮޕްގެ މަޝްހޫރު ތަރި އައޫރާ އެވެ. އޭނާއަކީ ކޭޕޮޕްގެ ފިރިހެން ބޭންޑެއް ކަމަށްވާ ޑަބަލް އޭގެ ފަންނާނެކެވެ.
އައޫރާ މަޝްހޫރުވެފައިވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ބޮލީވުޑް ލަވަތަކަށް ނަށާ ވީޑިއޯތަކަށެވެ. އެފަދަ ވަރަށް ގިނަ ވީޑިއޯތައް އޭނާ ހިއްސާކޮށްފައިވެ އެވެ.
މި އަޑުތައް މީޑިއާގައި ދެކެވުނު ނަމަވެސް އެކަން ބިގްބޮސްގެ ޕްރޮޑިއުސަރުން ވެސް ނުވަތަ އައޫރާ ވެސް ޔަގީން ކޮށްދީފައެއް ނުވެ އެވެ.