ހުޅުމާލޭގައި ކުޑަ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިފަދައިން ބުނެފައިވަނީ ސޯޝަލް މީޑިއާ އަދި ބައެއް މީޑިއާތަކުން ހުޅުމާލޭގައި 14 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމަށް ބުނެ ރިޕޯޓް ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެވެ.

ސޯޝަލް މީޑިއާގައި ރޭ ދައުރުވި ގޮތުގައި 14 އަހަރުގެ ކުއްޖާއަށް ހަމަލާ ދިނީ ހުޅުމާލޭ ސެންޓްރަލް މޯލްގެ ލިފްޓްތެރޭގަ އެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބުނީ، އެފަދަ ވާހަކައެއް ފެތުރިފައި ވާތީ އެކަން ހިނގާފައިވޭތޯ ބެލުމަށް، އެކަން ހިނގި ކަމަށް ބުނާ ތަނާއި ސަރަހައްދު ބަލައި އެކި މީހުންނާ ސުވާލު ވެސް ކޮށްފައިވާ ކަމަށެވެ.

އަދި، އެ އުމުރުގެ ކުއްޖަކު ފަރުވާ ހޯދަން ދިޔަތޯ ހޮސްޕިޓަލްތަކާއި ކްލިނިކުތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ ހަމަލާއެއްގައި ޒަހަމްވި ކުއްޖަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ފަރުވާ ދީފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

މި ދުވަސްވަރު މާލެ އާއި އައްޑޫގައި ސިލްސިލާ ގުރޫޕް މާރާމާރީތަކެއް އަންނަނީ ހިންގަމުންނެވެ. އެކަމާ ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.