މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި މަދުވެގެން އެއް ފަޅުވެރިޔަކު ރެސްކިއު ޑައިވަރުން ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ހަދަން ހާއްސަ ތަމްރީނު ޕްރޮގްރާމެއްގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެން ދެމުމަށާއި އެ ނޫން ވެސް ކަންކަމަށް މަސްވެރިން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ ކަމަށެވެ. މިގޮތަށް ފީނުމުގެ ތެރޭގައި، ހާއްސަކޮށް އެންވެރި ކަމަށް ޑައިވް ކުރުމުގައި ހިތާމަވެރި އެކްސިޑެންޓްތައް ހިނގައި ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާވެފައި ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ކަމުން އެފަދަ ހިތާމަވެރި ހާދިސާތައް މަދު ކުރުމަށް އުޅަނދުފަހަރުގައި ޑައިވް ކުރުމުގެ ފުރިހަމަ ތަމްރީން ލިބިފައިވާ ޑައިވަރުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި ހާއްސަ ތަމްރީނު ޕްރޮގްރާމްގެ ފުރުސަތު ފަހިކޮށްދޭނަން. ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި ހާދިސާތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ ހާދިސާތަކުން ނިކަމެތި ވަނީ ހަމައެކަނި ހާދިސާއާ ކުރިމަތިލާ މީހާއެއް ނޫނެވެ. އޭނާގެ އަނބިދަރީންނާއި އާއިލާ ވެސް އެކަމާ ކުރިމަތިލާން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

" އުމުރު ދުވަހަށް މި ފަޅުކަމާއި ހުސްކަން އިހްސާސްކުރަން ޖެހޭ. އެހެންވީމާ، މި ސަރުކާރުން އަޅުގަނޑު ބޭނުންވަނީ މި ހިތާމަވެރި ހާލަތުން މަސްވެރީންނަށް އަރައިގަނެވޭނެ ގޮތްތަކެއް ރާވައި ތަންފީޒުކުރަން. އިރާދަކުރެއްވިއްޔާ މިކަން ކުރާނަން."