މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި އޮޑިވެރިންނާއި މިފްކޯގެ މުވައްޒަފުންނަށް މިފްކޯ މެދުވެރިކޮށް ފަސޭހައިން ޑޮލަރުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުވައިފި އެވެ.

އެ ގަރާރު މަޖިލިހަށް ފޮނުއްވީ މަޖިލިހުގެ ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސައުދު ހުސެއިނެވެ.

ސައުދުގެ ގަރާރުގައި ބުނެފައި ވަނީ މަސްވެރިންނަކީ ރެއާއި ދުވާލު 24 ގަޑިއިރު ކަނޑުމަތީގައި ރާއްޖޭގެ އިންތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ބަޔަކަށްވާ އިރު، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންނަކީ މަސްވެރިކަމުގެ ވިޔަފާރިކޮށް މަސް އެކްސްޕޯޓްކޮށް ގައުމުގެ އިގްތިސޯދަށް ބޭރު ފައިސާ ވެއްދުމަށް އާމްދަނީ ހޯދާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މަސްވެރިންނާއި މަސައްކަތްތެރިންނާއި އަދި ހާއްސަކޮށް ސަރުކާރުގެ މަސްކުންފުނި ކަމަށްވާ މިފްކޯގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ވެސް މަސްވެރިކަމުގެ ސިނާއަތަށް ހުއްޓުމެއްނެތި 24 ގަޑިއިރު ގައުމީ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ކުރަމުންދާ ބައެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އަދި މަސްވެރިންނާއި މިފްކޯގެ މުވައްޒަފުން ރެއާއި ދުވާލު ގަދަވަޔާއި ވިއްސާރައިގައި، ދޭވާ އަވީގައި، ކަނޑުމަތީގައި މަސައްކަތް ކުރަމުންދާ ބަޔަކަށްވުމުން އަމިއްލަ ނުވަތަ އާއިލީ ޒަރޫރީ ބޭނުންތަކަށް ރާއްޖެއިން ބޭރުން ހޯދަންޖެހޭ ހިދުމަތްތައް ހޯދުމަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ދިވެހި މަސްވެރިންނަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެ އެވެ.

މަސްވެރިންނަށް ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ރާއްޖެއިން ބޭރުން ތައުލީމް ހާސިލްކުރުމާއި ބޭސް ފަރުވާކުރުމަށާއި މަސްވެރިންނާއި މަސްވެރިންގެ އާއިލާތަށް ހައްޖާއި އުމުރާގެ ދަތުރުތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް މިފްކޯ މެދުވެރިކޮށް ހަމަޖެއްސުމަކީ މަސްވެރިންނަށް ލިބޭނެ ވަަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. މިއީ މަސްވެރިންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ކުރަން ޖެހޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ މަސްދޯނިފަހަރަށް ބޭނުންވާ ޒަމާނީ ވަސީލަތްތަށް ގަތުމަށާއި މަސް ފިނިކުރަން ބޭނުންވާ ސިސްޓަމްތަކާއި އެއާގުޅޭ މެޝިނަރީޒް ގަތުމަށާއި މަސްދޯނިފަހަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ފަދަ ރާއްޖެއިން ބޭރުންގަންނަންޖެހޭ ތަކެތި ގަތުމަށް ބޭނުންވާ ޑޮލަރު މިފްކޯ ނުވަތަ ބޭންކު މެދުވެރިކޮށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މަސްދޯނި ފަހަރަށް ބޭނުންވާ މުހިންމު ތަކެތި ލަސްނުވެ ހޯދުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށެވެ.

މިފްކޯގެ މުވައްޒަފުންނަކީ ވެސް ރެއާއި ދުވާލު ކަނޑުމަތީގަ އަދި އެކިއެކި ސައިޓުތަކުގައި މަސައްކަތްކުރާ ބަޔަކަށްވާއިރު އެ މުވައްޒަފުންގެ އަމިއްލަ ޒަރޫރީ އާއިލީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމް ހަޖެހިފައިއޮތުމަކީ މުހިންމު ކަމެއް ކަމަށާއި އެހެންކަމުން މިފްކޯގެ މުވައްޒަފުންނަށް ދޭ މުސާރައިގެ 60 ޕަސެންޓް ޑޮލަރުން ދިނުމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.