ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު, lސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ އެކު ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދުމަށް ކަމަށާއި އެއީ ވަކި ހާއްސަ އުސޫލެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ސާޖިދާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމު އެވެ.

ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގެންނެވުމުގެ ކުރިން ވެސް ސާޖިދާ ވަނީ އެ މަގާމުގައި ހުންނަވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމުގައި ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް ފަސްޓް ލޭޑީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއެކު ސާޖިދާ ވަނީ މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ މުއްދަތަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އަންގައި، ކޮންޓްރެކްޓް އުސޫލުން ސާޖިދާގެ ކޮންސަލްޓެންސީ ލިބޭނެ ގޮތް ހަދައިދޭން ކޮމިޝަންގައި އެދިވަޑައިގަތުމުން އެކަން ވަނީ ހަމަޖައްސައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް ސުވާލުކުރައްވާފައި ވެއެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ފުރަތަމަ އެދިވަޑައިގަތީ ދާއިމީ ވަޒީފާގައި ހުންނަވައިގެން ލުއިތަކެއް ދިނުމަށް ކަމަށާއި ނަމަވެސް، އެގޮތަށް ލުއިތަކެއް ދިނުމަށް ގަވައިދުން ތަން ނުދޭ ކަމަށެވެ. ހަމައެކަނި އޮތް ގޮތަކީ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ވީއްލުމަށް ފަހު، ކޮންޓްރެކްޓް އުސޫލުން ހިދުމަތްކޮށް ދިނުން ކަމަށް ލަފާ ދީފައިވާނެ ކަމަށް ނާސިހު ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ ކޮންޓްރެކްޓް އުސޫލުން ހިދުމަތް ކުރައްވަން ފަސްޓްލޭޑީ ފުރަތަމަ ނިންމެވީ އެއްވެސް އުޖޫރައެއް ނުނަންގަވާ ގޮތަށް ކަމަށާއި ނަމަވެސް، ކޮންމެވެސް އުޖޫރައެއް ހަމަޖެއްސުމަކީ ކޮމިޝަނަށް ލާޒިމް ކަމަކަށްވާތީ، މި މަހުގެ 7 ވަނަ ދުވަހު ކޮންޓްރެކްޓް ހަދައި ސޮއިކޮށްފައިވާނެ ކަމަށެވެ.

"މިނިސްޓްރީން އެކަމަށް އެދުމުން މި މަހުގެ 7 ވަނަ ދުވަހު ވޭޖް އެމްޕްލޯއީމަންޓް ކޮންޓްރެކްޓްގައި ސޮއިކުރީ ހަތަރު އަހަރަށް ނޯ ޕޭ އަށް ދިޔުމަށް، އަދި ފަންނީ ލަފާ ހޯދަން ބޭނުންވާ ގޮތަށާއި މުވައްޒަފުން ތަމްރީން ކުރުމާއި ގަވާއިދު ހެދުމަށް ލަފާ ހޯދުމަށް އޭގައި ހިމެނީ، ކޮންމެ މަހަކު ވެސް އެންމެ ގިނަ ވެގެން 48 ގަޑިއިރު މަސައްކަތް ކުރާ ގޮތަށް، ގަޑިއިރަކަށް 75 ރުފިޔާގެ މަގުން، އެހެންވީމަ، އެންމެ ގިނަ ވެގެން ވެސް މަހަކު ލިބޭނީ 3،000 ރުފިޔާ،" ނާސިހު ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ އުސޫލުން ބޭރުން ސާޖިދާއަށް ކޮންޓެރެކްޓް ދިން ކަމަށް ވިދާޅުވެ އެވެ. ނަމަވެސް، އެކަން ނާސިހް އާއި ކޮމިޓީއަށް ވަޑައިގެންނެވި އެ ކޮމިޝަންގެ އެހެން މެންބަރުން ވެސް ދޮގު ކުރެއްވި އެވެ.

އެގޮތުން ކޮމިޝަންގެ ރައީސް ނާސިހު ވިދާޅުވީ މިހާރު ވެސް ބައެއް މިނިސްޓްރީތަކުގައި މިގޮތަށް ބައެއް މުވައްޒަފުންނަށް ވެސް ހަމަޖައްސައިދީފައިވާނެ ކަމަށެވެ. މިނިސްޓްރީތަކުގެ ދާއިމީ ވަޒީފާތަކުގައި ތިބި މުވައްޒަފުން، މިނިސްޓްރީތަކުގެ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތަކަށް ކޮންޓްރެކްޓް އުސޫލުން ހަމަޖައްސައި، ވަޒީފާއިން ވީއްލާފައިވާނެ ކަމަށް ނާސިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

"އެގޮތުން އަޅުގަނޑު ދަންނަވާލާ ކަމަށްވާ ނަމަ ފިނޭންސް މިނިސްޓްރީގައި ވެސް 2018 އިން ފެށިގެން މިހާތަނަށް އެބަހުރި ފަސް މުވައްޒަފަކަށް މި ފުރުސަތު ދެއްވާފައި. އެންވަޔަރަމެންޓް މިނިސްޓްރީގެ ވެސް ދެ މުވައްޒަފަކު އެބަ ތިއްބެވި. މުއްދަތު ތަފާތުވެދާނެ ކަމަކު މި އުސޫލުން ފުރުސަތު ދީގެން މަސައްކަތް ކުރުވާފައި އެބަހުރި. ހައުސިން މިނިސްޓްރީގެ ވެސް ތިން މުވައްޒަފަކު އެބަ އުޅޭ،" ނާސިހު ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ މެންބަރު މުހައްމަދު ފަރުސަތު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޮންޓްރެކްޓް ވަޒީފާއެއްގައި އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިޔާގެ މުސާރަ އާއި އިނާޔަތްކާ ބެހޭ ގާނޫނުގެ ދަށުން ރައީސްގެ އަނިބިމީހާ/ފިރިމީހާއަށް އެލަވަންސެއް ދޭން ޖެހެ އެވެ. އެ އެލެވަންސްގެ އަދަދަކީ ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއްބަ އެވެ. އެހެން ކަމުން ސާޖިދާއަށް ކޮންމެ މަހަކު އެލަވަންސްގެ ގޮތުގައި 33،333ރ. ލިބިވަޑައިގަންނަވާނެ އެވެ.