ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރަމުން އަންނަ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޝަފީއު އަކީ ޕީޖީ އޮފީހުގެ ތަރުޖަމާނުކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ފަދަ ބޮޑެތި ޝަރީއަތްތަކުގައި ދައުލަތުގެ ވަކީލެއްގެ ގޮތުގައި ކޯޓުތަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ.

ޝަފީއު، އެހެން ފިރިހެނަކާ އެކު ނަގާފައިވާ ވީޑިއޯތަކެއް ސޯޝަލް މީޑީއާއަށް ލީކްކޮށް، އޭނާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. މީގެ ކުރިން ވެސް އެފަދަ ތުހުމަތުތަކެއް ޝަފީއުގެ މައްޗަށް ކުރެވުނު ކަމުގައި ވިޔަސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.