ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ-ޕާކް ރެސިޑެންސް ފްލެޓްތައް މަކަރާއި ހީލަތުން ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 104 ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ބުނީ އެ މައްސަލައިގައި މަންޑޭގެ މައްޗަށް ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ ކުރުމަށް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް ބަދަލު ގެނަސް ކޮމިޓީން ފާސްކޮށްފައި ވަނީ 49.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ

ދައުލަތުގެ ވަކީލު ޝަފީއު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ބަލަނީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރަމުން އަންނަ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ، ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލެއްގައި ކުއްޖަކަށް ބުލީކުރި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާހުއްދީން ސްކޫލްގައި، ގްރޭޑް 1 ގައި ކިޔަވަމުން އަންނަ ކުއްޖަކަށް ބުލީކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޞލާހުއްދީން ސްކޫލުގައި ކިޔަވާ ކުއްޖަކަށް ބުލީކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާރު އެމައްސަލަ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މުނައްވަރާއި ނަސީރަށް މަގާމު ދިނީ މުސާރަ ލިބޭ ގޮތަށް، ފުލްޓައިމްކޮށް މަސައްކަތް ކުރައްވާނެ

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުންގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވެސް މަސައްކަތް ކުރައްވާނީ އޮފީހަށް ވަޑައިގެން ފުލްޓައިމްކޮށް ކަމަށާއި އެ ބޭފުޅުންނަށް މުސާރަ ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ. މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނަށް މަހެއްގެ މައްޗަށް 57،000ރ. މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ތަރުޖަމާނަކަށް، ރާއްޖޭގެ މީޑިއާގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މުހައްމަދު ޝަހީބު އިއްޔެ އައްޔަން ކުރައްވައިފި އެވެ. ޝަހީބަކީ 30 އަހަރަށް ވުރެ ގިނަ ދުވަހު އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 2004 ވަނަ އަހަރު، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ޝަހީބަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން؛ ދިވެހި ބަހަށް ޚިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޢާންމު ޚިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

އިތުރު 13 ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފި

ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އިތުރު ބައެއް ބޭފުޅުން އައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ ރައީސް އޮފީހުގަ އެވެ.

ސުވާލަކާ ގުޅިގެން ވަޒީރުންނަށް ދޭ ނޯޓިސްގެ މުއްދަތު 3 ދުވަހަށް ކުރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، ވަޒީރަކާ ސުވާލު ކުރައްވަން ހުށަހެޅުއްވުމުން މަޖިލީހަށް ހާޒިރުވެ ޖަވާބު ދޭން ޖެހޭ މުއްދަތު ތިން ދުވަހަށް ކުރުކޮށް، ސުވާލާ ގުޅުން ނެތް އެހެނިހެން ސުވާލުތައް ވެސް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވައިފި އެވެ.

ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ފޮނުއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑު) އެވެ. މޯޑު ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަޒީރުންނަށްދޭ ނޯޓިސްގެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް އިސްލާހު ފޮނުއްވައިފަ އެވެ.