އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ސަރުކާރުން މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރޯދަ މަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.

ކެބިނެޓުން މިއަދު ނިންމި ކަންކަން ހާމަކުރައްވަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވީ ރައީސް މިގޮތަށް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ

"ރަމަޟާން މަހުގެ ފަހު 10 އެއްގެ ބަންދުވެސް ލިބޭނީ އާއްމު އުސޫލުން ސަރުކާރު ބަންދު ލިބޭގޮތަށް މިލިބެނީ، ޑިއުޓީއާއި އެހެނިހެން ކަންތައްތައް އޮންނަ ބޭފުޅުންނަށް އެއޮންނަ ތަރުތީބުން އެކަންކަން އޮންނާނެ،" ޝަހީބް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީބު ވިދާޅުވީ ރަމަޟާން މަހުގެ ފަހު 10 އެއް ބަންދުކުރުމަށް ނިންމެވީ އެހެން ބަންދުތަކެކޭ ވެސް އެއްފަދައިން ކަމަށެވެ. އެހެންކަމުން މިއުސޫލުގެ ދަށުން ބަންދުވާނީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝިފްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނަށް މިދުވަސްތައް ބަންދު ނުވާނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.

އެ ފުރުސަތު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭނެތޯ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އެކަމަށް ސާފު ޖަވާބެއް އޭނާ ނުދެއްވަ އެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި އަންނަ އަހަރުގެ ރޯދަ މަސް ފެށޭނީ މާޗު މަހުގެ 11ގަ އެވެ.