ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ކަށަވަރު ނުވާތީ ރައީސް މުއިއްޒުގެ ސަރުކާރަށް ކުރީގެ މިނިސްޓަރު ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި މަލީހު ވިދާޅުވީ ބޭރުގެ ސިފައިންގެ ރާއްޖޭގައި ތިބި އަދަދު ސަރުކާރަށް 30 ދުވަސް ވެގެން ދިޔައިރުވެސް ނޭނގުމަކީ ހިސާބު މައްސަލައެއް ކަމަށެވެ.
"ހިސާބުގެ މައްސަލަ އުޅޭ ކަމަށްވަންޏާ އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ހިސާބު އިލްމުވެރިން، އިންޑިއާ ސިފައިން ގުނަން ޖެހިއްޖެއިޔާ އަޅުގަނޑުމެން އެކަން ކޮށްދޭނަން ހިލޭ ސާބަހަށް،" މަލީހު ވިދާޅުވި އެވެ.
މަލީހުގެ ބަހުގެ ހަމަލާތައް ސަރުކާރަށް އަމާޒުވެފައި މިވަނީ އިންޑިއާ ސިފައިން ސާފު އަދަދެއް ސަރުކާރުން ހާމަ ނުކުރާތީ އެވެ. ސަރުކާރުން ފުރަތަމަ ބުނެފައިވަނީ 77 ސިފައިން ތިބި ކަމަށެވެ. އޭގެ ފަހުން އެއަދަދު މިހާރު ސެނަހިޔާގެ ތިބި ޑޮކްޓަރުން ލައިގެން 89 އަށް ބަދަލުވެފައިވާއިރު، އަދިވެސް ކަނޑައެޅިގެން ސާފު އަދަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އެކަމާ ގުޅޭގޮތުން ސަރުކާރުގެ ޖަވާބަކީ އެކި ލިއެކިއުންތަކުގައި އެކި އަދަދުތައް ހުރުމުން އިތުރަށް ބަލަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އޭގެ މާކުރިން ފަށައިގެން، އޭރުގެ އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، ޕީޕީއެމް/ޕީއެންސީން ތަކުރާރުކޮށް ބުނަމުން ދިޔައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށެވެ.
މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޕީއެންސީ އަކީ ޕާޓީއެއް ވެސް ނޫން ކަމަށާއި، ޕީއެންސީއަށް މީހުން އިތުރުކޮށްގެން ޔާމީން ސިޔާސީ މައިދާނުން އެކަހެރި ކުރުމަށް އެ ބޭފުޅުން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތެއް ނުހުއްޓޭނެ. ރައީސް ޔާމީން އެނބުރި ވަޑައިގަންނަވާނީ ގަދަކޮށް. އެއީ ސިޔާސީ ލީޑަރެއް. އެއީ ވަރުގަދަ ލީޑަރެއް. އެއީ މި ގައުމު ނުދެކޭ ފަދަ ވަރުގަދަ ސިޔާސީ މުފައްކިރެއް،" މަލީހު ވިދާޅުވި އެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު، ޕީއެންއެފް ރަޖިސްޓްރީ ކުރުމަށްޓަކައި، ޔާމީންގެ ސަޕޯޓަރުން މިހާރު ގެންދަނީ ޕާޓީއަށް ބޭނުންވާ އަދަދަށް ސޮއި ހަމަކުރަމުންނެވެ.