މިޒަމާނުގެ ފެޝަން ނުވަތަ ސްޓައިލްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެފައިވާ ފައިކުރި ހިމަ ގަޔަށް ބާރު ޖިންސް ނުވަތަ ސްކިނީ ޖިންސްއަކީ އުނަގަނޑުގެ ތަދުތަކަށް މަގުފަހިކުރުވާ އެއްޗެއްކަމަށް އިނގިރޭސިވިލާތުގެ ކައިރޯޕްރެކްޓަރުންގެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.
މި އެސޯސިއޭޝަނުން ކުރިޔަށް ގެންދިޔަ ސާވޭއެއްގައި ބައިވެރިވި 2000 މީހުންގެ ތެރެއިން 73 ޕަސެންޓް މީހުން ވަނީ އުނަގަނޑުގެ އެކި އެކި ތަދުތަކާއި ކުރިމަތި ވެފައިވާކަމަށް ބުނެފަ އެވެ.
ކައިރޯޕްރެކްޓަރުންގެ އެސޯސިއޭޝަނުން ވަނީ މިއީ ސާވޭގެ ބައިވެރިން އިހްތިޔާރުކުރާ ފެޝަންއެއް ނުވަތަ އަންނައުނެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ގަބޫލުކުރާކަމަށް ބުނެފަ އެވެ. ސްކިނީ ޖިންސް ލުމުން މީހާގެ ހަށިގަނޑުގެ މަސްތަކުގެ ހަރަކާތްތައް މަދުކޮށްދޭ ކަމަށާއި އަދި ޖިންސްގެ ސަބަބުން ހަރަކާތް ކުރުމަށް ދަތިވެފައިވާ ހަށިގަނޑުގެ މަސްތަކުގެ ބަދަލުގައި އެހެން ބައެއް މަސްތަކަށް އިތުރު ބުރައާއި ތަކުލީފު އުފުލަން ޖެހޭކަމަށް މި އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މިގޮތުން އުނަގަނޑުގައިވާ މަސްތަކަކީ މިފަދަ އެއް މިސާލުކަމަށާއި އަދި ސްކިނީ ޖިންސް ލާ މީހުންގެ އުނަގަނޑުގެ މަސްތައް ކުރަންޖެހޭ މަސައްކަތް އިތުރުވުމުގެ ސަބަބުން އުނަގަނޑުގެ ތަދުތަކާއި ކުރިމަތިވުން އެކަށީގެންވާކަމަށް މި ސާވޭ ކުރިއަށް ގެންދިޔަ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުންވެސް އާދަޔާޙިލާފަށް ބަރު ގަހަނާ، ބޮޑެތި އަތްދަބަސް އަދި ފަޔަށް ބޭނުންވާ ސަޕޯޓް ނުލިބޭ ފަދަ ގޮތަކަށް ޑިޒައިން ކުރެވިފައިވާ ފައިވާން ފަދަ ތަކެތީގެ ސަބަބުންވެސް މިފަދަ ތަދުތަކާއި ކުރިމަތި ވެދާނެކަމަށް ބްރިޓިޝް ކައިރޯޕްރެކްޓާރޒް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.