ގާނޫނުއަސާސީން ރައީސަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އެމަނިކުފާނު އުފައްދަވާފައިވާ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ ސަރުކާރު ހިންގެވުމަށް ބޭނުންފުޅުވާ ވުޒާރާތައް އުފައްދަވާ އެވުޒާރާތަކަށް މިނިސްޓަރުން އައްޔަންކުރައްވާފަ އެވެ. އަދި އެބޭފުޅުންނަށް ރުހުން ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގަ އެވެ.

މި މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ނޮވްމެބަރު މަހުގެ 21 ވަނަ ދުވަހު ފޮނުވުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓާއެކު، ވޯޓަށް އެހުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާ މިއަދުގެ އެޖެންޑާކޮށްފައިވީ ނަމަވެސް މަޖިލީހުގެ މިއަދު ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.

މި އާއެކު ރައީސް އޮފީހުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ވުޒާރާތައް އުފައްދަވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސްއަށް އެ މަނިކުފާނުގެ ކެބިނެޓް އެކުލަވާލުމާއި ކެބިނެޓްގެ މަސްއޫލިއްޔަތު ކަނޑައެޅުމުގެ އިހްތިޔާރު ލިބިދީފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްނުކޮށް، އެ މަނިކުފާނުގެ ވަޒީރުންނަށް ރުހުން ދިނުން ބޮޑު ސުވާލަކަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ހަދާފައިވާ އިރު، އޭރު އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ އައްޔަނުކުރެއްވި 19 ވަޒީރުންނާއި ބަންޑާރަ ނައިބަށް ރުހުން ހޯއްދަވާފައިވަނީ މެންޑޭޓް ފޮނުވުމުގެ ކުރިންނެވެ.

މި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވެސް ވަނީ ވުޒާރާތަކުގެ މެންޑޭޓު ކަނޑައެޅުމާއި ވަޒީރުންނަށް ރުހުން ދިނުމަކީ ދެކަމެއްކަން ފާހަގަކުރައްވާ ވަކި މައްސަލައެއްގެ ގޮތުގައި ވަޒީރުންނަށް ރުހުން ދެވޭނެކަމަށް ވިދާޅުވެފަ އެވެ.