ގެސްޓް ހައުސްއަކަށް މީހަކު ގެންގޮސް، ފޭރުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު ގެ އުމުރުން 18 އަހަރުގެ އަންހެނަކާއި އުމުރުން 21 އަހަރުގެ ގދ. ތިނަދޫ ފިރިހެނެއްގެ އިތުރުން އުމުރުން 46 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހުންގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ފޭރުން އަދި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ މީހުންނަށް ދައުވާ ކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ހެކީގެ ގޮތުގައި ފާހަކޮށްފައި ވަނީ އަނިޔާ ލިބުނު ފަރާތުން ބުނާބުނުމާއި ސީނަށް ދިޔަ ފުލުހުންގެ ހެކިބަހެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގި ގެސްޓްހައުސް ތެރޭގައި ހުއްޓައި ޖިނާއި އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް އެ އަމުރުގައި ފާހަގަކޮށްފައިވާއިރު ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.

މި މައްސަލައިގައި ހިމެނޭ 21 އަހަރުގެ ފިރިހެން މީހާއަކީ މީގެ ކުރިން 23 ފަހަރަށް ހައްޔަރުކޮށްފައިވާ މީހެކެވެ. ދެން ތުހުމަތުވާ 46 އަހަރުގެ މީހާ ހައްޔަރުކުރީއިރު އޭނާގެ ކަރުގައި އަނިޔާ ލިބުނު މީހާގެ ފަށެއް އޮތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އެ މީހާއަކީ ކުށުގެ ރިކޯޑު އޮތް މީހެކެވެ.