މާލެ ޖަލު ހުސް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު އާސިފް ވިދާޅުވީ އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން މާލެ ޖަލުގައި ތިބި ގައިދީން އެ ތަނުން ބަދަލު ކުރުން ކަަމަށާއި މިވަގުތު އެންމެ ބޮޑު އަމާޒަކާއެކު މަސައްކަތް ކުރަނީ މާލެ ޖަލު ހުސް ކުރަން ކަމަށެވެ.
އާސިފް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ސްކޫލާ އިންވެގެން މާލޭ ޖަލު ހުރުމާ ގުޅިގެން ދަރުމަވަންތަ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ބައެއް ނޭދެވޭ ކަންކަން ދަނީ ދިމާވަމުންނެވެ. އެހެންވެ، މާލެ ޖަލުގައި ތިބި ގައިދީން އެހެން ޖަލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން މާފުށީ ޖަލުގެ ބައެއް ޔުނިޓްތަކުގައި ގައިދީންނަށް ބައެއް ބަދަލު ގެނެސް، މާފުށީ ޖަލުގައި އިތުރު ޖާގަތައް މިހާރު ހަދަމުންދާ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި އައްސޭރި ޖަލުގައިވެސް އިތުރު ޖާގަތައް ހަދާ، މާލެ ޖަލުގައި ތިބި ގައިދީން އެ ޖަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާސިފް ވިދާޅުވި އެވެ.
މީގެއިތުރުން ދަނާލް ފުރަގަހުގައި ހުންނަ ކަރެކްޝަންސްގެ އެންއެކްސްވަން ބިލްޑިން އަށް ބައެއް ބަދަލުތައް ގެނައުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ.
"ދަނާލް ފުރަގަހުގައި ހުރި އެނެކްސް ވަން އިމާރާތައް ބައެއް ބަދަލުތައް ގެނެސް މެޑިކަލް ފަރުވާއަށް ކޮންމެ ދުވަހަކު ގެންނަ ގައިދީން އެތަނުގައި ބޭތިއްބުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި އެތަނުގެ ބައެއް މަރާމާތްތައް ވެސް ދަނީ ކުރަމުން." އާސިފް ވިދާޅުވި އެވެ.