ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބިދޭސީންތަކެއް ފެނުމާ ގުޅިގެން މާލެ ސަރަހައްދުގައި ޓެސްޓުކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހުޅުމާލެއިން ފައިލޭރިޔާއަށް މީހަކު ފޮޒިޓިވްވުމާއެކު މާލެ ސަރަހައްދުގައި އެބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލެ އިން ފައިލޭރިއާ އަށް ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ.

މިމަހު ކުރީކޮޅު ކުޅުދުއްފުށިން ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ފެނިފަ އެވެ. އެ ސިޓީން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 25 މިހާރު ވަނީ އަރާފަ އެވެ. މިހާތަނަށް މި ބަލި ފެނިފައިވަނީ ބިދޭސީންގެ ގައިންނެވެ. ގިނައީ އިންޑިއާ މީހުންނެވެ.

ފައިލޭރިއާއަކީ 2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ބައްޔެކެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ފަންޏެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ޖެހޭ މި ބަލި ފެނުމާ ގުޅިފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމެއް ނެތި ރާއްޖެ އަށް ބިދޭސީން އެތެރެކުރަން ފެށުން ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.