ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އައްޔަންކުރުމަށް ޕޮލިސް ބޯޑުން ލަފާ ދީފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލާފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮލިސް ބޯޑުން ވަނީ އަލީ ޝުޖާއު ކޮމިޝަނާގެ މަގާމަށް އައްޔަން ކުރުމަށް މިނިސްޓަރަށް ލަފާ ދެއްވައިފަ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ މާރިޗު މަހު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކުރާގޮތުން ކޮމިޝަނަ އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކުގެ ބޭފުޅެކެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންވާނީ އެމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، ގާބިލްކަން ވަޒަން ކުރުމަށް ފަހު ކަމަށްވެސް ގާނޫނު ބަޔާންކުރެ އެވެ. އަދި ކޮމިޝަނާ އައްޔަންކުރާނީ ޕޮލިސް ބޯޑުން ވަޒަންކޮށް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހުގެ 15 ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެކްޓިން ކޮމިޝަނަރުގެ މަގާމުގެ މަސްއޫލިއްޔަތު އުފުއްލަވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.