ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާ އެކު ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ޑިސެމްބަރު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރި ކާރެއް މަޑުކުރަން އެއާޕޯޓު ޕޮލިހުން އެންގުމުން މަޑުނުކޮށް ދިއުމުން އެކާރު ހޯދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރީތިގަސްމަގުން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި އިރު 53 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 56 އަހަރުގެ ދިވެހި ފިރިހެނަކާއި ބިދޭސީ ފިރިހެނެކެވެ.

އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ހާޒިރު ކުރުމުން ދިވެހި މީހާގެ ބަންދަށް ތިން ދުވަސް އަދި ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައުފަ އެވެ.