އަންނަ އަހަރުގެ މާޗުމަހުގައި އެއާ އެމްބިއުލަންސްގެ ހިދުމަތް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހިމް ވިދާޅުވީ މިހިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ހިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެއާ އެމްބިއުލަންސްގެ ހިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި ދެ އެއާ އެމްބިއުލަންސެއް މިހިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ނާޒިމް ފާހަގަ ކުރެއްވި އެވެ.

"މިމަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން އިމާޖެންސީ އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުން،" ނާޒިމް ވިދާޅުވި އެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހެލްތު މިނިސްޓްރީގައި ގާއިމުކޮށްފައިވާ ކަމާ ގުޅޭ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ.

މިހާރު ރާއްޖޭގައި ތިބޭ ބަލި މީހުން މާލެ ގެނައުމަށް އާންމުކޮށް ބޭނުންކުރަމުން އަންނަނީ އިންޑިއާ ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާބޯޓުތަކެވެ. ނަމަވެސް ގިނަ ފަހަރު ބަލި މީހުން އުފުލަން ޖެހެނީ ބޮޑު އަގުގައި މޯލްޑިވިއަންގެ ފްލައިޓުތައް ޗާޓަރުކޮށްގެންނެވެ.