މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި އެއްގަމު ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އަމަލީ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސް ނެންގެވުމުގެ މަތިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީ އާއި ކަމާގުޅުން ހުރި ސްޓޭކްހޯލްޑަރުން ހިމެނޭހެން މިދިޔަ ހޯމަ ދުވަހު ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ. އަދި އެ ކޮމިޓީގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މާލޭގެ ޓްރެފިކް ތޮއްޖެހުމަށް އެންމެ އެކަށިގެންވާ ދާއިމީ ހައްލު ހޯދުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ކަމާގުޅުންހުރި ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ދިރާސާއެއް ކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ބުނެފައިވެ އެވެ.

މާލޭގައި އާދަޔާ ހިލާފަށް ވެހިކަލް ގިނަވުމުގެ ޝަކުވާތައް ކުރާތާ ކިތަންމެ ދުވަހެކެވެ. އެކަމަކު، މިހާތަނަށް އައިއިރު ވެސް އެ މައްސަލަ އަށް ހައްލެއް ލިބިފައެއް ނުވެ އެވެ.