ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާ މެދުގައި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު އަދި އިސްލާމް ދީނަށް އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތުގައި އުޅުއްވާ އަލީ ރަމީޒް ސުވާލު އުފައްދަވައިފި އެވެ.

އަލީ ރަމީޒް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒާ ދެކޮޅަށް ފާޅުގައި ނުކުންނަވައި ކެމްޕެއިން ކުރި ބައެއް މީހުންނަށް ބޮޑެތި މަގާމުތައް ދެމުން ދަނީ ކޮން އެޖެންޑާއެއްގެ ދަށުންތޯ ސުވާލު ކުރައްވައިފަ އެވެ. އެއީ ކޮން ބައެއް ކަމެއް އަދި އޭގެ އިތުރު އެއްވެސް ތަފްސީލެއް އަލީ ރަމީޒް ހާމަކުރައްވާފައެއް ނުވެ އެވެ.

ނަމަވެސް މިއީ ރައީސް މުއިއްޒުގެ ސަރުކާރާ މެދުގައި ހިތްހަމަނުޖެހޭ މޭރުމަކުން އަލީ ރަމީޒު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އޭނާއަކީ މީގެކުރިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވި ބޭފުޅެކެވެ. އަދި އެ ވެރިކަން ނިމުމަކަށް ގެނައުމަށް ތަފާތު ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހާމަކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

އަލީ ރަމީޒް އެގޮތަށް ވިދާޅުވި އިރު، މި ސަރުކާރުން ސިޔާސީ ބައެއް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ވެސް އެމްޑީޕީގައި ކުރިން އުޅުއްވި ބޭފުޅުން ހަމަޖައްސާފައިވެ އެވެ.

ރައީސް މުއިއްޒު އިއްޔެ ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި ޑރ. މަރިޔަމް ޒުލްފާ އައްޔަން ކުރައްވައިފަ އެވެ. ޒުލްފާ މި ފަހުން ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ވެސް ގުޅިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ ބޭފުޅުން އައްޔަން ކުރައްވާފައިވާ އިރު، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 122 ބޭފުޅުން އެބަތިއްބެވި އެވެ. އަދި ކެބިނެޓްގެ 22 ވަޒީރުންނާ އެކު މިނިސްޓަރުން ފެންވަރުގެ 40 އަށް ވުރެ ގިނަ ބޭފުޅުން އެބަތިއްބެވި އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ. ސަރުކާރުން މިހާތަނަށް ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތައް 350 އަށް ވެސް ނާރާނެ އެވެ.