ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް މިއަދު މި ބިލް ހުށަހަޅާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަލީމް ވިދާޅުވީ އެ ގާނޫނު އުވާލަން ހުށަހެޅުއްވި ސަބަބަކީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީ ކަމަށެވެ.
ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ވަޒީރުންނާއި ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުންނާ ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކޮށްފައިވާ ކަމަށާއި އެ ބޭފުޅުންނަށް ލިޔުމުން ނުވަތަ އަނގަބަހުން ސުވާލުކުރުމުގެ ހައްގު ކޮންމެ މެންބަރަކަށް ލިބިދީފައިވާ ކަމަށް އެ ބިލުގައިވެ އެވެ.
ގާނޫނުއަސާސީ ވުޖޫދަށް ގެނައުމަށް ފަހު ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާ ކަމަށާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައި ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެހެންވެ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގެ ބޭނުން ނުހިފޭ ކަމަށް އެ ބިލްގައިވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2005 ވަނަ އަހަރު އެކުލަވައިލާފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނަށް އޭގެ ފަހުން އެއްވެސް އިސްލާހެއް ވެސް ގެނެސްފައެއް ނުވެ އެވެ.
އެމްޑީޕީން މި ފަހުން ވަނީ ވަޒީރުންނާ ސުވާލުކުރުމާ ގުޅޭ މާއްދާތައް މަޖިލީހުގެ ގަވައިދުން އިސްލާހުކޮށްފަ އެވެ. އެ ގަވައިދުގައި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭ ގޮތަށް އޮތުން އުވާލުމާއި ވަޒީރުންނަށް ޖަވާބު ދާރީވާން ލިބޭ މުއްދަތު ވެސް ކުރުކުރަން ވެސް އެމްޑީޕީން ވަނީ ނިންމައިފަ އެވެ.