ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް އިންތިހާބުވުމުގެ ކުރިން، މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)ގެ ސީދާ އާއިލީ މަސްލަހަތު އޮތް ބަޔަކަށް މާލޭ ރޯމަސް މާރުކޭޓް ތަރައްގީކޮށް ހިންގައި ބެލެހެއްޓުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކުރި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިމައްސަލަ ހުށަހަޅާފައި ވަނީ ފުރިހަމަ ކިތާބީ ހެއްކާއެކު އަމިއްލަ ފަރާތަކުންނެވެ.

މި ޕްރޮޖެކްޓް ހަވާލުވި އެއްބަސްވުންތަކުގައި އަދުރޭގެ ފަރާތުން ސޮއިކޮށްފައި ވަނީ އޭނާގެ ދަނބިދަރިއަކާއި އަންހެނުން ކޮއްކޮ އެވެ. އެފްޖޭ ޑިޒައިންސް ނަމަކަށް ކިޔާ މި ކުންފުނި ރެޖިސްޓްރީކޮށްފައި ވަނީ އަދި އެކުންފުނީގެ ވެރިފަރާތަކީ އަދުރޭގެ އަންހެނުންގެ ކޮއްކޮ ލ. ފޮނަދޫ ޗާންދަނީގެ ފަތުހުއްލާ ޖަމީލް އެވެ. އަދުރޭގެ ފަރާތުން އެގްރީމެންޓްގަ ދެވަނަ ބައިވެރިއަކަށް ސޮއިކޮށްފައި ވަނީ ދަނބިދަރި ލ. ފޮނަދޫ، ފަޒާ، އާދަމް ޒާހިރު އެވެ.

ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒާއި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް

އޭސީސީއަށް ހުށަހެޅި މައްސަލާގައިވާ ގޮތުން ދައުލަތަށް ގެއްލުންވާ ގޮތަށް ރަސްމީ ހައިސިއްޔަތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަދުރޭގެ ޢާއިލާއަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މި ޕްރޮޖެކްޓް ފުރަތަމަ ހަވާލުކޮށްފައިވަނީ 21 އޮކްޓޯބަރު 2021 ގައި އެއް އަހަރަށެވެ. އަދި އެ މުއްދަތު ހަމަވަމުން އިތުރަށް އިޢުލާންކުރުމަކާއި ނުލައި، މަހު ކުލިން އިތުރު 80،000 ރުފިޔާ ކުޑަކޮށް އިތުރު ހަ މަހަށް ހަވާލުކޮށްފައިވަނީ ވެސް އިންތިހާ ދަރަޖައަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ. އަދި މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި އިތުރު ބައިވެރިއަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭ ރޯމަސްމާރުކޭޓާ ގުޅޭ އިތުރު ކުޑަ ޕްރޮޖެކްޓެއް ހަވާލުކޮށްފައި ކަމަށް ވެސް އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ޕީއެންސީގެ ކުރީގެ ރައީސް އަބްދުއްރަހީމް ޑރ. މުއިއްޒަށް ޕީއެންސީގެ ޓިކެޓް ފަހިކޮށްދިނުމުގައި އޭނާގެ ޓްރެޝަރާ ޕީއެންސީ ސެނެޓަރު އިބްރާހިމް ނާއިފް އާއި ސެނެޓަރުގެ ފަހަރި ސާމިޔާ އާއި ސެނެޓަރުގެ ކޮއްކޮ ހަސީބުގެ ވޯޓް ފަހިކޮށްދިން މައްސަލަ ވެސް އެދުވަސްވަރު ޕީއެންސީ ވާދަވެރި ކެނޑިޑޭޓްގެ ޓީމުގެ ތެރޭގައި ވަރަށްބޮޑަށް ހޫނުވެގެން ދިޔަ އެވެ. އަދި އަދުރޭ އޭގެ މުގާބިލުގައި ސަރުކާރުގެ 33 ޕަސެންޓާއި ޢަބްދުއްރަޙީމުގެ ޢާއިލާއަށް 33 އިސް މަގާމު މިހާތަނަށް މިސަރުކާރުން ދީފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އަދުރޭގެ އެންމެ ހަގު އަންހެން ދަރިފުޅު ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެރަށު ކުއްޖަކު ވެސް މިހާރު މެލޭޝިއާ އެމްބަސީގެ ފަސްޓް ސެކްރެޓަރީކަމަށް ހަމަޖައްސަން ތައްޔާރުވަމުންދާ ޚަބަރު ލިބިފައިވެ އެވެ. އަދި އަދުރޭގެ ދަނބިދަރި ހިޝާމް ވަޖީހުއަށް ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ދީ ދަނބިދަރީގެ ބައްޕަ މުހައްމަދު ވަޖީހު އިބްރާހިމްއަށް އެމްޕީއެލްގެ ސީއީއޯކަން ދީ ދަނބިދަރީގެ ބޭބެގެ އަންހެނުން ޒީނާ ޒާހިރުއަށް ޕީއެސްއެމްގެ އެމްޑީކަން ދީފައިވެ އެވެ.

އަދުރޭގެ ޓްރެޝަރާ ނާއިފްއަށް މިހާރު ވަނީ ފެނަކައިގެ ޑީއެމްޑީކަން އަދި އަދުރޭގެ ފަހަރި ސާމިޔާއަށް ޖެންޑާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުކަން ދީފައިވެ އެވެ. މިނޫނަސް އަދުރޭގެ މުޅި ޢާއިލާއަށްވަނީ މިނިސްޓަރުކަމާއި މިނިސްޓްރުން ފެންވަރުގެ އެތައް މަޤާމެއް މި ސަރުކާރުން ދީފަ އެވެ.