ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރްޔާ ރާއީގެ ޒާތީ ބޭންކު އެކައުންޓް ތަފުސީލުތަކެއް މީޑިއާއަށް ލީކުވެފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އައިޝްވާރްޔާގެ އެކައުންޓެއް އިންޑިއާ ނޫން އެހެން ގައުމެއްގެ ބޭންކެއްގައި ހުޅުވާފައިވެ އެވެ. އަދި އެ އެކައުންޓްގައި ގިނަ އަދަދަކަށް ފައިސާ ވެސް ހުރެ އެވެ.

މިއާއެކު އައިޝްވާރްޔާއަކީ މާލީ ގޮތުން އޭނާގެ ފިރިމީހާ އަބީޝޭކް ބައްޗަން ނުވަތަ އަބީޝޭކްގެ އާއިލާއަށް ބަރޯސާވާ މީހެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ރިޕޯޓުތައް ފެންމަތި ވެފައި މިވަނީ އައިޝްވާރްޔާއާއި އަބީޝޭކްގެ މެދުގައި މައްސަލަތަކެއް ޖެހި ވަރިވާން އުޅޭ ކަމުގެ ހަބަރުތައް ވެސް ފެތުރިފައި ވަނިކޮށެވެ.

2007 ވަނަ އަހަރު ކައިވެނިކުރި އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެންޏަށް 2011 ވަނަ އަހަރު ދަރިއަކު ލިބިފައިވެ އެވެ. އެއީ އާރަދްޔާ ބައްޗަން އެވެ.