އެއް އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑް ތަރީގެ ރެކޯޑް މަގުބޫލު އެކްޓަރު ޝާހްރުކް ޚާންއަށް ލިބިއްޖެ އެވެ.

މިދިޔަ އަހަރު ނުކުތް ޝާހްރުކް ޚާންގެ ތިން ފިލްމު ކަމަށްވާ ޕަތާން، ޖަވާން އަދި ޑަންކީގެ ޖުމްލަ އާމްދަނީގެ އަދަދު 2500 ކްރޯޑް ރުޕީސްއަށް އަރަ އެވެ. މިއާއެކު ޝާހްރުކް ޚާން ވެފައިވަނީ އެއް އަހަރުން މިވަރުގެ އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ހަމައެކަނި އެކްޓަރަށެވެ.

މިދިޔަ އަހަރު ނުކުތް އޭނާގެ ފުރަތަމަ ދެ ފިލްމުން ކޮންމެ ފިލްމަކަށް 1000 ކްރޯޑް ރުޕީސްއަށްވުރެ ގިނައިން އާމްދަނީ ލިބިފައިވާއިރު ތިންވަނަ ފިލްމު ޑަންކީގެ އާމްދަނީ އުޅެނީ 500 ކްރޯޑްގަ އެވެ.

ޝާހްރުކް ޚާންއަށް ލިބުނު މި ކާމިޔާބަކީ ބޮޑު މެދުކެނޑުމަކަށްފަހު އޭނާއަށް ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. ބޮކްސްއޮފީހުގައި ޝާހްރުކް ޚާން ހިޓް ފިލްމެއް ނުދޭތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެދާނެ އެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނީ އަންނަ މާޗް-އޭޕްރީލް ހިސާބުގައި އާ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށާއި އެ ފިލްމު ވާނީ އޭނާގެ އުމުރާ ގުޅޭނެ ފިލްމެއް ކަމަށެވެ.