ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް އިތުރު ދެ ކުދިން ރާއްޖެއިން ބޭރަށް ފުރައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ސަރުކާރު ހަރަދު ގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުދިން މިއަދު ފުރާފައިވާ ކަމަށެވެ.

ބޯންމެރޯ ހެދުމަށް ފުތަމަ ކުއްޖާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ފުރާފައިވާއިރު، މިހާތަނަށް ހިލޭ ބޯންމެރޯ ހެދުމަށް ތިން ކުއްޖަކު މިވަނީ ބޭރަށް ފުރުވާލާފަ އެވެ.

ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން މިވަގުތު ވެސް ލިސްޓްކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. މި ކުދިންނަކީ އާއިލާގެ ތެރެއިން، ބޯންމެރޯ ޑޯނަރެއް ލިބިފައިވާ ކުދިންނެވެ.

ލިސްޓްކުރެވިފައިވާ 40 ކުދިންގެ އިތުރުންވެސް، ބޯންމެރޯއަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ސަރުކާރުންވަނީ ހުޅުވާލާފަ އެވެ. އެގޮތުން ތެލަސީމިއާ ސެންޓަރަށް އެކަން ހުށައެޅުމުން، ފަރުވާއަށް ދާން ތައްޔާރުވުމަށް ބޭނުންވާ ޓެސްޓްތައް ހެދުމުގެ ފުރުސަތު ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް ހަމަޖެހޭނެކަމަށް ސަރުކާރުން ބުނެ އެވެ.

ރާއްޖޭގައި ތެލަސީމިއާ ބަލިމީހުންގެ ގޮތުގައި 943 މީހަކު ދަފްތަރުކޮށްފައިވެ އެވެ. އޭގެތެރެއިން މިވަގުތު ދުނިޔޭގައި ތިބީ 655 ތެލަސީމިއާ މީހުންނާއި ކުދިންނެވެ. ތެލަސީމިއާ ބަލިމީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ދަގަނޑުގެ ބައި ދަށްކުރުމަށް ދާއިމަށް، ފަރުވާ ހޯދަންޖެހޭ ބައެކެވެ. ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ފަރުވާއަކީ، ބޯންމެރޯ ހެދުމެވެ.