އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލަން ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުގެ ކެބިނެޓު ބައްދަލުވުމުގެ ނިންމުންތައް ހާމަކުރައްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ބިނާކޮށް ވަރަށް ފުޅާކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ މިހާރުން މިހާރަށް ވަޒީފާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އެކަމަށް ޓަކައި، ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާ އަށް އަވަސް ރެކްރޫމަންޓް ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާ ހަމަޖައްސައިދިނުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި 8 ގަޑިއަރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެ ގފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސާވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ހެލްތު ސެކްޓާތަކުގައި މިސާލަކަށް 4 ގަޑިއިރަށް މަސައްކަތް ކުރާ ނަމަވެސް އަންނާނެ މީހުން ތިބުމަކީ އެކަށީގެންވާކަމެއް. މިސާލަކަށް ނަރުހުން. އެހެންވީމަ އެކަން އެކުލަވާލައްވައިގެން ހެލްތު މިނިސްޓްރީން އެކަން ކުރިއަތް ގެންދަވާނެ. މިކަމާއި ގުޅޭ ސާވޭއެއް ވެސް ވަނީ ހައްދަވާފައި. ތަފާސްހިސާބުތައް ވެސް ވަނީ ހޯދާފައި. މިކަމުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން 55 އަހަރުވެފައިވާ ނުވަތަ ރިޓަޔަރވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން ނެރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވި ނަމަވެސް، އެ ފަރާތަކީ ސިއްހީ ގޮތުންނާއި، ތައުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުސަތު ދެވޭނެ ގޮތް ހަމަޖެއްސެވުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފަ އެވެ.

ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާ އެ ނޫން މުހިންމު ބައެއް ދާއިރާތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދޭން ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ "ހަފްތާ14" ނިމެންވާ އިރަށް އެކަމާ ގުޅޭ އުސޫލު އެކުލަވާލާ ފުރުސަތު ފަހިކޮށް ދިނުމެވެ.