ރާއްޖޭގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 ވެހިކަލް ރަޖިސްޓްރީކޮށްދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަމީން ވިދާޅުވީ ފާއިތުވީ ފަސް އަހަރު އާދަޔާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މިގޮތަށް ކުރިއަށްދާ ނަމަ، މާލެ ސަރަހައްދުގެ ޓްރެފިކް ދާނީ ނުހިފެހެއްޓޭ ހިސާބަށް ކަމަށެވެ. އެގޮތުން މިދިޔަ ފަސް އަހަރު ސިއްސައިގެންދާ ވަރުގެ އަދަދުތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަށް 69،870 ވެހިކަލް ރަޖިސްޓްރީކުރެވިފައި އެބަހުރި. އޭގެތެރެއިން 42،000 އުޅަނދު އެބަހުރި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައި. އެހެންވީމާ އެނގިވަޑައިގަންނަވާނެ މި ސްކޭލްގައި މި ޓްރެންޑް މި ގޮތަށްދާ ކަމަށްވާ ނަމަ، މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެހެއްޓިގެން،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ގާނޫނުގެ ތެރެއިން މިކަން ކުރި ނަމަ މި އަދަދުތައް މަތީގައި ނުހުންނާނެ ކަމަށެވެ. އަދި މި ވަގުތަށް ގާނޫނަށް ބަދަލެއް ނުގެނެސް ވެސް މިނިސްޓްރީ އަށް ލިބޭ ބާރުގެ ދަށުން ބައެއް ހާލަތުތަކުގައި ރަޖިސްޓަރީ ކޮށްދިނުން މަޑުޖައްސައިލުމުން ބަދަލު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ގިނަވެ، ތޮއް ޖެހުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސް ނަގައިގެން މިހާރު ވަނީ ހާއްސަ ކޮމިޓީ އެއް ވެސް އުފައްދައިފަ އެވެ. އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ކުރާނެ ކަމަކީ ވެހިކަލް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތައް ދަނެގަނެ އެ ފިޔަވަޅުތައް އެޅުމެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެ މިނިސްޓްރީން އަންނަނީ ބޭރުގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ފަންނީ ތަޖުރިބާރުންގެ އެހީއާ އެކު ދިރާސާއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އަމީން ވިދާޅުވީ މާލެ އޭރިއާ ސަރަހައްދުގެ ޓްރެފިކް މައްސަލަ އަށް ހައްލެއް ހޯދަން މަސައްކަތް ކުރަން މާދަމާ ބަޔަކާ އެކު ސޮއިކުރައްވާނެ ކަމަށެވެ.