ފެޝަނަކީ އަބަދުވެސް ބަދަލު ވަމުން އަންނަ އެއްޗެކެވެ. އެއްއިރެއްގައި އެންމެ ވައިގައި ހިފި ޓްރެންޑްތަކަކީ މިހާރު "ކަޓު" ޓްރެންޑްތަކަކަށް ވެއްޖެ އެވެ. އެއާއެކު އާ ފެޝަންތައް ތައާރަފް ވެއްޖެ އެވެ.

އެގޮތުން މިވަގުތަށް ބަލާއިރު އެންމެ މަޝްހޫރު ޓްރެންޑަކީ "އޯވާސައިޒްޑް" ނުވަތަ ގަޔަށް ދޫ ހެދުންތަކެކެވެ. 2010ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މި ފެޝަން ވަނީ މަޑުމަޑުން ވައިގައި ހިފަން ފަށާފަ އެވެ.

އޯވާ ސައިޒްޑް ހެދުންތަކަށް ލިބެމުން އަންނަ ތަރުހީބުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ފިލްމީ ތަރިންނާއި ސެލެބްރިޓީންނެވެ. މިފަދަ ތަރިންގެ ހެދުން އެޅުމުގެ ސްޓައިލުން އެއިރެއްގެ ފެޝަން ޓްރެންޑްތައް ބަދަލުކޮށްލައޭ ބުނެވިދާނެ އެވެ.

ހޮލީވުޑާއި ބޮލީވުޑްގެ އަންހެން ތަރިންނަށް ވެސް މިހާރު އެންމެ ކަމުދާ ފެޝަނަކަށް ވެފައި އޮންނަނީ އޯވާސައިޒްޑް ފެޝަނެވެ. އެގޮތުން ގަޔަށް ދޫކޮށް ހުންނަ ގަމީހާއި ސްވެޓާ ފަދަ ތަކެއްޗަކީ އެތަރިންގެ ވޯޑްރޯބުން އާއްމުކޮށް މިހާރު ފެންނަ ތަކެއްޗެވެ.

އޯވާސައިޒްޑް ހެދުންތައް ކަމުނުދާންވީ ސަބަބެއް ވެސް ނެތެވެ. ގުޅޭ ގަހަނާއާއިއެކު ބޭނުންކޮށްފިނަމަ އެއީ އެހެން އެއްވެސް ސްޓައިލަކަށް ދޫނުދޭ ވަރުގެ ސްޓައިލެކެވެ.

ދެން އޮތީ މިފަދަ ހެދުންތައް ފަސޭހަ ވާހަކަ އެވެ. ފެޝަންއަށް ހެދުން އެޅުމަކީ އާއްމުކޮށް ހަށިގަނޑަަށް އުނދަގޫ ބަރު ކަމެކެވެ. އެހެން ނަމަވެސް އޯވާސައިޒްޑް ހެދުންތަކުން ފަސޭހަކަމާއި އަރާމު ކަމާއެކު ހެދުން އެޅެ އެވެ.

މިއަދު އޮތީ އޯވާސައިޒްޑް ހެދުންތަކުގެ ޒަމާނެވެ. ކުރިއަށް އޮތީ ކޮން ވައްތަރެއްގެ ފެޝަނެއްކަން ބުނާކަށް ހަމަ އެކަކަށް ވެސް ނޭނގޭނެ އެވެ.