ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.132 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ މި ތަކެތި އަތުލައިގަނެފައި ވަނީ މިމަހުގެ 2 ވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް ގެނައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އަދި ޕެކޭޖެއް ބަލައި ފާސްކުރަމުންދިޔައިރު އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ޗެކްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.132 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެފައިވާ މަސްތުވާތަކެތި އަދި މި ޕެކޭޖް ބަލާ ކަސްޓަމްސްއަށް އައި 20 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައިވާ ކަމަށެވެ.